Tuesday, 28 July 2026
ޑަބްލިއުއެޗްއޯއިން ވަނީ މި ވައިރަސް މިހާރު ކޮންގޯގެ ބޭރަށްވެސް ފެތުރެން ފަށާފއިވާ ކަމަށް ބުނެފަ -- ފޮޓޯ: ބީބީސީ

ކޮންގޯގައި ފެތުރެމުންދާ އެބޯލާ އާއި ގުޅިގެން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަނޑައަޅައިފި

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއަދު ކަނޑައަޅައިފިއެވެ. ކޮންގޯގެ އިރުމަތީ އިޓޫރީ ޕްރޮވިންސްގައި މިހާތަނަށް 246 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭއިރު، 80 މީހަކު ވަނީ މަރުވެފައެވެ.

ޑަބްލިއުއެޗްއޯ އިން ހާމަކުރި ގޮތުގައި މި ބަލިމަޑުކަން މިހާރު ފެންނަން ހުރި މިންވަރަށް ވުރެ ބޮޑަށް ފެތުރިގެން ދިއުމުގެ ބިރު އެބައޮތެވެ. މިހާރު ފެތުރެމުންދަނީ އެބޯލާގެ ބާވަތެއް ކަމަށްވާ 'ބުންޑިބުގްޔޯ' ވައިރަސް ކަމަށާއި، މި ވައިރަހަށް ހާއްސަ އެއްވެސް ވެކްސިނެއް ނުވަތަ ބޭހެއް އަދި މިހާތަނަށް އުފައްދާފައި ނުވާ ކަމަށް އެ ޖަމްއިއްޔާ އިން ބުނެއެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، މަސްތަކުގައި ރިއްސުމާއި، ވަރުބަލިވުމާއި، ބޮލުގައި ރިއްސުމުގެ އިތުރުން ކަރުގައި ރިއްސުން ހިމެނެއެވެ. އަދި ބަލި ބޮޑުވުމުން ހޮޑުލުމާއި، ބޭރަށް ހިންގުމާއި، ހަށިގަނޑުން ބޭރަށް ލޭ އައުން ފަދަ ނުރައްކާތެރި އަލާމާތްތައް ފެންނަން ފަށައެވެ. މިހާތަނަށް އަށް ކޭސްއެއް ލެބޯޓްރީ ތަކުން ކަށަވަރު ކުރެވިފައިވާއިރު، އިޓޫރީގެ ވެރިރަށް ބޫނިއާ އާއި ރަން ނަގާ ސަރަހައްދުތަކުން ވެސް ބަލި ޖެހިފައިވާ މީހުން ވަނީ ފެނިފައެވެ.

މި ބަލިމަޑުކަން މިހާރު ވަނީ ކޮންގޯގެ ބޯޑަރު ހުރަސްކޮށް އަވަށްޓެރި ޔުގެންޑާ އަށް ވެސް ފޯރާފައެވެ. ޔުގެންޑާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ބަލި ޖެހިގެން މަރުވި 59 އަހަރުގެ މީހަކީ ކޮންގޯގެ ރައްޔިތެކެވެ. މީގެ އިތުރުން، ކޮންގޯގެ ވެރިރަށް ކިންޝާސާ އިން ވެސް އެކަކަށް މި ބަލި ޖެހިފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނި ގޮތުގައި އެމެރިކާގެ ހަ މީހަކު މި ވައިރަހަށް ހުށަހެޅިފައިވާ ކަމަށް ބެލެވެއެވެ. މީގެ ތެރެއިން އެކަކުގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނުނު ނަމަވެސް، އެއްވެސް މީހަކަށް ބަލި ޖެހިފައިވާކަން އަދި ކަށަވަރެއް ނުވެއެވެ. އެމެރިކާ ސަރުކާރުން ދަނީ މި މީހުން ޖަރުމަނުގައި ހުންނަ އަސްކަރީ މަރުކަޒަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޑަބްލިއުއެޗްއޯ އިން އިންޒާރު ދޭ ގޮތުގައި ކޮންގޯގެ ސަލާމަތީ ހާލަތު ހުރި ގޮތުންނާއި، އިންސާނީ އެހީގެ ދަތިކަމާއި، މީހުން އެއްތަނުން އަނެއްތަނަށް ދަތުރުކުރުން ގިނަވުމުގެ ސަބަބުން މި ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑެވެ. މިކަމާ ގުޅިގެން އެމެރިކާ އެމްބަސީން ވަނީ އިޓޫރީ ޕްރޮވިންސަށް ދަތުރު ނުކުރުމަށް އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *