Tuesday, 28 July 2026
ހަމާސްގެ އަސްކަރީ ގޮފީގެ ކޮމާންޑަރު އިއްދީން އަލް ހައްދާދުގެ ޖަނާޒާއެއް 16 މެއި 2026 ގައި ޣައްޒާގެ ޣައްޒާގައި ހުންނަ އަލް އަގްސާ ޝަހީދުންގެ މިސްކިތުގައި ބާއްވަނީ -- ފޮޓޯ: އަހުމަދު ހަސަބުالله / ގެޓީ އިމޭޖަސް

ޣައްޒާގައި ހަމާސްގެ އަސްކަރީ ގޮފީގެ އިސްވެރިޔާ އިއްޒުއްދީން އަލް-ހައްދާދު އަވަހާރަކޮށްލައިފި

ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފީގެ އިސްވެރިޔާ އިއްޒުއްދީން އަލް-ހައްދާދު، އިސްރާއީލުން ދިން ހަމަލާއެއްގައި އަވަހާރަކޮށްލާފައިވާކަން އެ ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ. ހަމާސްއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، ގައްސާމް ބްރިގޭޑްސްގެ ލީޑަރު އަލް-ހައްދާދު އަވަހާރަކޮށްލުމަށް އިސްރާއީލުން ހިންގި "ނުލަފާ އަދި ފިނޑި" އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ހުކުރު ދުވަހު ވިދާޅުވީ، އިސްރާއީލުގެ ސިފައިން އަލް-ހައްދާދަށް އަމާޒުކޮށް ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށެވެ. އިސްރާއީލުން އޭނާ ސިފަކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ދިން ހަމަލާތަކުގެ "މޭސްތިރިންގެ" ތެރޭގައި ހިމެނޭ މީހެއްގެ ގޮތުގައެވެ.

ހަމާސްއިން ހާމަކުރި ގޮތުގައި، ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން މި ހަމަލާގައި އަލް-ހައްދާދުގެ އިތުރުން އޭނާގެ އަންބަކާއި، އަންހެން ދަރިއަކާއި އަދި ފަލަސްތީނުގެ އެހެން އާންމު ރައްޔިތުންތަކެއް ވެސް ވަނީ ޝަހީދުވެފައެވެ. އިސްރާއީލުގެ މި ހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ ރިމާލް އަވަށަށެވެ.

މެޑިކަލް މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި، އާންމުން ދަތުރުކުރި ކާރަކަށް ދިން ހަމަލާއެއްގައި ތިން މީހުން މަރުވެފައިވާއިރު، އިމާރާތަކަށް ދިން ހަމަލާގައި އިތުރު ހަތަރު މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ތިން އަންހެނުންނާއި ތުއްތު ކުއްޖަކު ހިމެނޭ ކަމަށް އަލްޖަޒީރާއަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން ދިހަވަރަކަށް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

މި ހަމަލާއާ ގުޅިގެން ހަމާސްއިން ބުނީ، މިއީ އިސްރާއީލުން ޣައްޒާގެ "ސީޒްފަޔަރ" އެއްބަސްވުމާ ހިލާފުވުމުގެ އިތުރުން، ކުށެއްނެތް އާންމުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާނުގެ ހެއްކެއް ކަމަށެވެ. އަދި މިފަދަ ހަމަލާތަކުން ހާމަވަނީ އިސްރާއީލުގެ ޖަރީމާވެރި ސިފަ ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކަށް އެ ގައުމުން އިހުތިރާމް ނުކުރާ މިންވަރު ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *