Tuesday, 28 July 2026
"އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީ -- ފޮޓޯ: ލަގްޒަރީ ޔޮޓް މޯލްޑިވްސް

ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސެންސް ސަސްޕެންޑްކޮށްފި

ވ. އަތޮޅު ކައިރިއަށް ޑައިވިންއަށް ގޮސް އުޅެނިކޮށް އިޓަލީގެ ހަތަރު ފަތުރުވެރިން ގެއްލުނު ސީރިއަސް ހާދިސާއާ ގުޅިގެން، އެ މީހުން ދަތުރުކުރި "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސެންސް ޓޫރިޒަމް މިނިސްޓްރީން ސަސްޕެންޑްކޮށްފިއެވެ. މިނިސްޓްރީން ބުނި ގޮތުގައި މި ލައިސެންސް ހިފަހައްޓާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުރިހަމައަށް ބެލުމުގެ ބޭނުމުގައެވެ.

މި ހާދިސާގައި ގެއްލުނު ފަސް މީހުންގެ ތެރެއިން ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ. އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އޭނާގެ ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ކަނޑުގެ 60 މީޓަރު އަޑީގައި އޮތް ހޮހަޅައެއްގެ ތެރެއިންނެވެ. ނަމަވެސް، އެ ގްރޫޕުގައި ހިމެނޭ އިޓަލީގެ ހަތަރު ފަތުރުވެރިން އަދިވެސް ފެނިފައި ނުވާތީ، އެމީހުން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ހުރިހާ ފަރާތްތަކަކުންވެސް ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ވަރުގަދަކުރާނެ ކަމުގެ ޔަގީންކަންވެސް އެ މިނިސްޓްރީން ވަނީ ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *