އެޗްޕީއޭ އިން ބުނީ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކޭސް އިންވެސްޓިގޭޝަން ހެދުމުގެ މަސައްކަތާއި، ބަލި ޖެހުނު މީހުންނާ ކޮންޓެކްޓުވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ކޮންޓެކްޓުވި ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް އެ އިދާރާއިން ވަނީ ފަށާފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއިން ޖުމްލަ ފަސް މީހަކަށް ހިމަބިއްސަށް ޖެހިފައިވެއެވެ. މީގެ ތެރެއިން ދެ ކޭސްއަކީ ރާއްޖެއިން ބޭރުން ބަލި ޖެހިގެން ރާއްޖެ އައި މީހުން ކަމަށް އެޗްޕީއޭގެ ރެކޯޑުތަކުން ދައްކައެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ގައުމަކަށް ވީނަމަވެސް، ދޭތެރެ ދޭތެރެއިން ބަލީގެ ކޭސްތައް ފެންނަމުންދާތީ މިއީ އާންމު ސިއްހަތަށް ސަމާލުވާންޖެހޭ ހާލަތެއްގެ ގޮތުގައި އެ އިދާރާއިން ފާހަގަކުރެއެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއެކު ރަތް ބިހިތަކެއް ހަށިގަނޑުން ފެނުމެވެ.


