Tuesday, 28 July 2026
ފޮޓޯ:އެސްބީއެސް

މާލޭ ސަރަހައްދުން ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ

މި ހަފުތާގެ ތެރޭގައި މާލޭ ސަރަހައްދުން ދެ މީހަކު ހިމަބިއްސަށް (މީސަލްސް) ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މިކަމާ ގުޅިގެން ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެ އިދާރާއިން މިހާރު ވަނީ އަޅަން ފަށާފައެވެ.

އެޗްޕީއޭ އިން ބުނީ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކޭސް އިންވެސްޓިގޭޝަން ހެދުމުގެ މަސައްކަތާއި، ބަލި ޖެހުނު މީހުންނާ ކޮންޓެކްޓުވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ކޮންޓެކްޓުވި ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް އެ އިދާރާއިން ވަނީ ފަށާފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއިން ޖުމްލަ ފަސް މީހަކަށް ހިމަބިއްސަށް ޖެހިފައިވެއެވެ. މީގެ ތެރެއިން ދެ ކޭސްއަކީ ރާއްޖެއިން ބޭރުން ބަލި ޖެހިގެން ރާއްޖެ އައި މީހުން ކަމަށް އެޗްޕީއޭގެ ރެކޯޑުތަކުން ދައްކައެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ގައުމަކަށް ވީނަމަވެސް، ދޭތެރެ ދޭތެރެއިން ބަލީގެ ކޭސްތައް ފެންނަމުންދާތީ މިއީ އާންމު ސިއްހަތަށް ސަމާލުވާންޖެހޭ ހާލަތެއްގެ ގޮތުގައި އެ އިދާރާއިން ފާހަގަކުރެއެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއެކު ރަތް ބިހިތަކެއް ހަށިގަނޑުން ފެނުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *