Tuesday, 28 July 2026
މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހުން ފެށިގެން މިހާތަނަށް ލުބްނާނުގެ 103 ސިއްހީ ހިދުމަތްތެރިން އިޒްރޭލު ސިފައިން ވަނީ ޝަހީދުކޮށްލާފަ -- ފޮޓޯ: އޭއެފްޕީ

ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 51 މީހުން ޝަހީދުކޮށްލައިފި

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި 51 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ސިއްހީ ޚިދުމަތްތެރިން ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިސްރާއީލުން ވަނީ ބިންތު ޖުބައިލް ޑިސްޓްރިކްޓްގެ ގަލާވިޔާ އަދި ތިބްނީންގައި ހުންނަ ހެލްތު އޮތޯރިޓީގެ ދެ މަރުކަޒަކަށް އަމާޒުކޮށް ހަމަލާދީފައެވެ. މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ކަރާމާތާ ޚިލާފަށް ދެމުންދާ ހަމަލާތަކެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

އދ. އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މާޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ލުބުނާނުގެ 103 ސިއްހީ ޚިދުމަތްތެރިން ވަނީ ޝަހީދުވެފައެވެ. އަދި 230 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ސިއްހީ ޚިދުމަތްދޭ ތަންތަނަށް 130 އަށްވުރެ ގިނަ ހަމަލާ ވަނީ އަމާޒުވެފައެވެ.

އެމެރިކާ މެދުވެރިވެގެން އެޕްރީލް 16 ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް، ލުބުނާނުގެ ދެކުނުގައި އިސްރާއީލުގެ ހަމަލާތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލި ފަހުން އެކަނިވެސް 552 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލުބުނާނުގެ ސިވިލް ޑިފެންސްގެ އިސްވެރިޔާ އަލީ ސަފީއްދީން ވިދާޅުވީ، ކޮންމެ ސިކުންތަކީ ވެސް ނުރައްކަލުގެ ތެރޭގައި އުޅެންޖެހޭ ވަގުތެއް ކަމަށާއި، ސިއްހީ ޚިދުމަތްތެރިން މަސައްކަތަށް ނުކުންނަނީ ފުރާނަ އަތްމައްޗަށް ލައިގެން ކަމަށެވެ. ގާނޫނުތަކުން ސިއްހީ ޚިދުމަތްތެރިންނަށް ހިމާޔަތް ލިބިދޭން ޖެހޭ ނަމަވެސް، އިސްރާއީލުން އެކަމަށް ބޯނުލަނބާ ކަމަށް އޭނާ ފާހަގަކުރިއެވެ.

މާޗް 2 އިން ފެށިގެން އިސްރާއީލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގައި މިހާތަނަށް ޖުމްލަ 2,846 މީހުން ޝަހީދުވެފައިވާއިރު، 1.2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރަން ޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *