Tuesday, 28 July 2026
އެކްޓަރުން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި ޖޯސެފް ވިޖޭ -- ފޮޓޯ: އެންޑީޓީވީ

ޓެމިލް ނާޑޫގެ އާ ޗީފް މިނިސްޓަރުގެ މަޤާމަށް ތަލަޕަތީ ވިޖޭ ހުވާކޮށްފި

ދެކުނު އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަދި ސިޔާސީ ލީޑަރު ތަލަޕަތީ ވިޖޭ، ޓެމިލް ނާޑޫގެ އާ ޗީފް މިނިސްޓަރުގެ މަޤާމުގެ ހުވާ ރަސްމީކޮށް ކުރައްވައިފިއެވެ. ޗެންނާއީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައި ބޭއްވުނު ކުލަގަދަ ރަސްމިއްޔާތެއްގައި ވިޖޭއާއެކު އޭނާގެ ޕާޓީ، ޓެމިލަގަ ވެއްޓުރި ކަޒަގަމް (ޓީވީކޭ) ގެ ނުވަ ލީޑަރަކު ވެސް ވަނީ މަޤާމުގެ ހުވާކުރައްވާފައެވެ. މިއީ ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ޑީއެމްކޭ ނުވަތަ އޭއައިއޭޑީއެމްކޭއަށް ނިސްބަތްނުވާ ސަރުކާރެއް އެ ސްޓޭޓުގައި ޤާއިމުވި ފުރަތަމަ ފަހަރެވެ.

މި ރަސްމިއްޔާތުގައި ވިޖޭގެ ޢާއިލާގެ އިތުރުން އިންޑިއާގެ ސިޔާސީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އިންޑިއާގެ މައި އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ އާއި މަޝްހޫރު ބަތަލާ ތުރިޝާ ހިމެނެއެވެ. ކޮންގްރެސް އަކީ ވިޖޭގެ ސަރުކާރުގެ ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ޕާޓީއެކެވެ.

މިދިޔަ މަހު ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ވިޖޭގެ ޓީވީކޭ ޕާޓީން 108 ގޮންޑި ކާމިޔާބުކުރި ނަމަވެސް، ސަރުކާރު އެކުލަވާލުމަށް ބޭނުންވާ 118 ގޮނޑީގެ އަޣުލަބިއްޔަތު ހަމަކުރީ ކޯލިޝަނެއްގެ ތެރެއިންނެވެ. ކޮންގްރެސްގެ އިތުރުން ވީސީކޭ އަދި އައިޔޫއެމްއެލް ފަދަ ޕާޓީތަކުގެ ތާއީދާއެކު ކޯލިޝަނުގެ ޖުމްލަ މެންބަރުންގެ އަދަދު ވަނީ 120 އަށް އަރާފައެވެ. ގަވަރުނަރުގެ ދައުވަތަކަށް ސަރުކާރު އެކުލަވާލި ނަމަވެސް، އަންނަ މެއި މަހުގެ 13 ގެ ކުރިން މަޖިލީހުގެ އިތުބާރު އޮތްކަން ވިޖޭ ސާބިތުކޮށްދޭން ޖެހޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *