ސައިޑަންގެ ސަކްސަކިއްޔާ ސަރަހައްދަށް ދިން ހަމަލާއެއްގައި މަދުވެގެން ހަތް މީހުން މަރުވެ 17 މީހުން ޒަހަމްވެފައިވާއިރު، އެ ސަރަހައްދުގެ ރަހީނެއް ކަމަށްވާ ހަސަން އުމަރު ބުނީ މި ހަމަލާތަކުގެ ޝިކާރައަކަށްވީ ހަމައެކަނި ރައްކާތެރިކަން ހޯދަން އައިސް ތިބި އާއިލާތައް ކަމަށެވެ.
"ކުޑަކުދިން – އެމީހުން އަމާޒުކުރަނީ ކުޑަކުދިންނާއި އާންމުންނަށް. އެމީހުން ނަބަޓިއާ އިން ފިލައިގެން އައީ ރައްކާތެރި ތަނެއް ހޯދަން، ނަމަވެސް މިތަނުގައިވެސް އެމީހުންނަށް ހަމަލާދިނީ،" އޭނާ ރޮއިޓާސްއަށް ކިޔައިދިނެވެ.
އިސްރާއީލު ސިފައިންގެ އަމަލުތަކުގެ ފަހަތުގައިވާ މަގްސަދާ މެދު ސުވާލު އުފައްދަމުން އުމަރު ބުނީ، އިސްރާއީލު ސިފައިން މި މެސެޖު ފޮނުވަނީ ކާކަށްކަން އޭނާއަށާއި އެހެން އެއްވެސް މީހަކަށް ނުވިސްނޭ ކަމަށެވެ.
ޓައިރުގައި މަސައްކަތްކުރާ ރެސްކިއު ވޯކަރެއް ކަމަށްވާ މުހައްމަދު ދަހައިނޭ ބުނި ގޮތުގައި، އިސްރާއީލު ސިފައިން ސަރަހައްދު ހުސްކުރުމަށް އެންގުމާއެކު މީހުން ސަލާމަތްކުރުމަށް ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.
"އިސްރާއީލު ސިފައިން ރަށަށް އިންޒާރު ދިނުމާއެކު އަހަރެމެން ވަގުތުން ގޮސް މީހުން ގާތު އެތަން ދޫކޮށް ދިއުމަށް ބުނިން، ސަބަބަކީ ވައިގެ ހަމަލާ އަމާޒުވާނީ ކޮން ގެއަކަށް ކަމެއް އަހަރެމެންނަށް ނޭނގޭތީ،" އޭނާ ބުންޏެވެ.
ދަހައިނޭ އިތުރަށް ފާހަގަކުރި ގޮތުގައި ގިނަ ބަޔަކު ސަރަހައްދު ދޫކޮށް ދިޔަ ނަމަވެސް، ބައެއް އާއިލާތައް އެމީހުންގެ ގޭގޭގައި މަޑުކުރިއެވެ. އަދި ހަމަލާ ދިން ވަގުތު ފަސް މީހަކު ޝަހީދުވެފައިވާ އިރު، އިތުރު ފަސް މީހަކަށް ފަރުވާ ދީފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.
އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ފުޅާކުރަމުންދާއިރު، އާންމުންނާއި ކުޑަކުދިންނަށް ލިބެމުންދާ ގެއްލުންތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.


