ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އީރާނުން 14 ނުކުތާގެ ޖަވާބެއް ހުށަހަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އީރާނުގެ ތަސްނީމް ނިއުސް އެޖެންސީ އާއި ޕްރެސް ޓީވީންނެވެ.
އީރާނުގެ މައިގަނޑު ހުށަހެޅުންތައް
އީރާނުން ހުށަހެޅި ޕްލޭންގެ އެންމެ މުހިންމު އެއް ކަމަކީ އެމެރިކާއިން ހުށަހެޅި ދެ މަސްދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި، 30 ދުވަހުގެ ތެރޭގައި ހުރިހާ މައްސަލަތަކެއް ހައްލުކޮށް ހަނގުރާމަ އެއްކޮށް ނިންމާލުމެވެ. މީގެ އިތުރުން މުސްތަގުބަލުގައި އަސްކަރީ ހަމަލާއެއް ނުދޭނެ ކަމުގެ ޔަގީންކަން ދިނުމަށާއި، އީރާނުގެ ވަށައިގެންވާ ސަރަހައްދުތަކުން އެމެރިކާ ސިފައިން ބޭލުމަށް ވެސް އީރާނުން ވަނީ ގޮވާލާފައެވެ.
އީރާނުގެ ހުށަހެޅުމުގައި ހިމެނޭ އިތުރު ކަންތައްތަކުގެ ތެރޭގައި ކަނޑުގެ މަގުން އަޅާފައިވާ ބްލޮކޭޑް ނިމުމަކަށް ގެނައުމާއި، ހިފަހައްޓާފައިވާ އީރާނުގެ މާލީ އެސެޓްތައް ދޫކޮށްލުމާއި، ލިބުނު ގެއްލުމުގެ ބަދަލު ދިނުމާއި، އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނެއެވެ. އަދި ލުބުނާނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި ހޯރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމަށް އާ ނިޒާމެއް ގާއިމުކުރުމަށް ވެސް އީރާނުން ވަނީ އެދިފައެވެ.
އެމެރިކާގެ ރައްދު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވީ އީރާނުގެ އާ ހުށަހެޅުންތައް ދިރާސާކުރަމުންދާ ކަމަށެވެ. ނަމަވެސް ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނުގެ ހުށަހެޅުންތަކާ މެދު އެހާ ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.
"އެމީހުން ބޭނުންވަނީ އެއްބަސްވުމަކަށް އަންނަން، އެކަމަކު އަދި އަހަރެން މިކަމާ ހިތްހަމައެއް ނުޖެހޭ. އެހެންވީމާ ވާގޮތެއް ބަލަމާ ހިނގާ،" ޓްރަމްޕް ވިދާޅުވިއެވެ.
މީގެ ކުރިން އެމެރިކާއިން ވަނީ އީރާނަށް 15 ނުކުތާގެ އޮނިގަނޑެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހޯރްމޫޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލުމާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުން ހިމެނެއެވެ. އީރާނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އީރާނުގެ ޖަވާބު މިހާރު ވަނީ ޕާކިސްތާނާ ހަވާލުކޮށްފައެވެ.


