އިސްރާއީލާއި ހަމާސްއާ ދެމެދު އެމެރިކާ މެދުވެރިވެގެން ކުރިއަށްގެންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ހުއްޓިފައިވާ ދަނޑިވަޅެއްގައި، ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޣައްޒާގައި އިންތިޚާބެއް ބާއްވައިފިއެވެ. ނަމަވެސް މި އިންތިޚާބު ބާއްވާފައިވަނީ ހަމައެކަނި ޣައްޒާގެ މެދުތެރޭގައި އޮންނަ ދައިރުލް ބަލަހް ސިޓީގައެވެ.
ޕަލަސްޓީނިއަން އޮތޯރިޓީގެ ބެލުމުގެ ދަށުން ބޭއްވި މި މުނިސިޕަލް އިންތިޚާބަކީ 2006 ވަނަ އަހަރު ހަމާސްއިން ޣައްޒާގެ ކޮންޓްރޯލް ނެގި ފަހުން އެ ސަރަހައްދުގައި ބޭއްވި ފުރަތަމަ އިންތިޚާބެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ލިބިފައިވަނީ ޣައްޒާގެ އާބާދީގެ ފަސް އިންސައްތައަށްވުރެ މަދު މީހުންނަށެވެ. އެއީ ގާތްގަނޑަކަށް 70,000 ވޯޓުލާ މީހުންނެވެ.
އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަމުން އުމުރުން 52 އަހަރުގެ މަމްދޫހް އަލް-ބައިސީ ބުނީ، މި ހަނގުރާމައަށްފަހު ޑިމޮކްރެޓިކް ނިޒާމު އަނބުރާ އައުމުން ފަޚުރުވެރިވާ ކަމަށެވެ.
ޕަލަސްޓީނުގެ އިލެކްޝަންސް ކޮމިޝަންގެ ރީޖަނަލް ޑިރެކްޓަރު ޖަމީލް އަލް-ޚާލިދީ ވިދާޅުވީ، އިސްރާއީލުގެ ހަމަލާތަކުގައި ސްކޫލްތައް ސުންނާފަތިވެފައިވުމުގެ ސަބަބުން ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި ފޭލިގެތައް ބޭނުންކުރަން ޖެހުނު ކަމަށެވެ.
މި އިންތިޚާބުގައި ހަމާސްއަށް ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ދީފައެއް ނުވެއެވެ. އެއީ ޕަލަސްޓީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އިން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުން ހިމެނޭތީއެވެ. ނަމަވެސް، ހަމާސްގެ ފުލުހުން ވަނީ ދައިރުލް ބަލަހްގެ ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާފައެވެ.
މި އިންތިޚާބުގެ ނަތީޖާއާއި ވޯޓުލާން ނުކުތް މީހުންގެ އަދަދަކީ، ދެ އަހަރެއްހާ ދުވަހުގެ ހަނގުރާމައަށްފަހު ހަމާސްގެ މަގުބޫލުކަން ހުރި މިންވަރު ވަޒަންކޮށްލުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ.


