Tuesday, 28 July 2026
ހަމަލާދިން މެކްސިކޯގެ އާސާރީ ޕިރަމިޑް ހިމެނޭ ސަރަހައްދު -- ފޮޓޯ: ޓިކަޑޫ

މެކްސިކޯގެ އާސާރީ ސަރަހައްދަކަށް ބަޑީގެ ހަމަލާދީ ފަތުރުވެރިއަކު މަރާލައި 13 މީހުން ޒަޚަމްކޮށްލައިފި

މެކްސިކޯގެ މަޝްހޫރު އާސާރީ ބިނާއެއް ކަމަށްވާ "ޓެއޯޓިހުއަކަން" ގައި ހޯމަ ދުވަހު ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ކެނެޑާގެ އަންހެން ފަތުރުވެރިއަކު މަރުވެ، އިތުރު 13 މީހަކަށް އަނިޔާވެއްޖެ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

މެކްސިކޯ ސްޓޭޓްގެ ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓޯބަލް ކަސްޓަނޭޑާ ވިދާޅުވި ގޮތުގައި، ބަޑިޖެހި މީހާ ވަނީ ހަމަލާ ދިނުމަށްފަހު އަމިއްލައަށް މަރުވެފައެވެ. އޭނާގެ ވަނަވަރު އަދި ދެނެގަނެވިފައި ނުވާއިރު، މި ހާދިސާ ހިނގާފައިވަނީ މެކްސިކޯ ސިޓީއާ ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އޮންނަ، ދުނިޔޭގެ ތަރިކައިގެ ގޮތުގައި ކަނޑައަޅާފައިވާ މަޝްހޫރު ޕިރަމިޑްތައް ހުންނަ ސަރަހައްދުގައެވެ.

މި ހަމަލާގައި ބަޑީގެ ވަޒަން އަރައިގެން ހަ މީހަކު ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ކެނެޑާގެ އަންހެނަކާއި، ކޮލަމްބިއާގެ އަންހެނަކާއި ކުޑަކުއްޖަކާއި، ބްރެޒިލް މީހެއްގެ އިތުރުން އެމެރިކާގެ ދެ މީހަކު ހިމެނެއެވެ. މީގެ އިތުރުން، ހަމަލާއިން ސަލާމަތްވުމަށް ދުވުމުގެ ތެރޭގައި އިތުރު ހަތް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ކެނެޑާގެ ފޮރިން މިނިސްޓަރު އަނީތާ އާނަންދު ވަނީ މިއީ ބަޑީގެ ނުރައްކާތެރި އަނިޔާވެރި އަމަލެއް ކަމަށް ސިފަކުރައްވާފައެވެ. އަދި މެކްސިކޯގެ ރައީސް ކްލައުޑިއާ ޝީންބައުމް ވަނީ މި ހާދިސާ ވަރަށް ފުރިހަމައަށް ތަހުގީގު ކުރުމަށް އަމުރުކުރައްވައި، އަނިޔާލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހަމަލާދިން މީހާ ބަޑިޖަހާފައިވަނީ 45 މީޓަރު އުސްމިނުގައި ހުންނަ 'ޕިރަމިޑް އޮފް ދަ މޫން' ގެ މަތީގައި ހުރެގެންނެވެ. މި ހާދިސާ ހިނގި ވަގުތު ގިނަ އަދަދެއްގެ ފަތުރުވެރިން އެ ސަރަހައްދުގައި ތިބިއިރު، ފުލުހުންނާއި ނޭޝަނަލް ގާޑުން މިހާރު ވަނީ އެ ސަރަހައްދު ބަންދުކޮށް ތަހުގީގު ފަށާފައެވެ.

މިއީ ފަހުގެ ތާރީޚެއްގައި މެކްސިކޯގެ އާސާރީ ސަރަހައްދެއްގައި މިފަދަ ހަތިޔާރު ބޭނުންކޮށްގެން ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މެކްސިކޯގައި ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ހިނގި މި ހާދިސާގެ ސަބަބުން ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *