އީރާނުން ހޮރްމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް އަލުން ހުޅުވާލާފައިވާ ކަމަށް އެ ގައުމުން ހުކުރު ދުވަހު އިއުލާނުކޮށްފިއެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ވިދާޅުވީ، ދުނިޔޭގެ ތެލުގެ 20 އިންސައްތަ ސަޕްލައި ކުރާ މުހިންމު ކަނޑުއޮޅި މިހާރު ވިޔަފާރި އުޅަނދުފަހަރަށް ހުޅުވާލާފައިވާ ކަމަށެވެ. މިއީ އިޒްރޭލާއި ހިޒްބުالله އާ ދެމެދު ގާއިމުކުރި 10 ދުވަހުގެ ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ މި ނިންމުމަށް މަރުހަބާ ވިދާޅުވި ނަމަވެސް، އޭގެ ކުޑަވަގުތުކޮޅެއް ފަހުން ވިދާޅުވީ އީރާނާއެކު ކުރެވޭ މުއާމަލާތްތައް ސައްތަ އިންސައްތަ ފުރިހަމަވަންދެން އެމެރިކާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑް ކުރިއަށްދާނެ ކަމަށެވެ. އަދި އީރާނުން އެ ކަނޑުއޮޅީގައި ވަޅުލާފައިވާ މައިންތައް ނެގުމުގެ މަސައްކަތް އެމެރިކާގެ އެހީތެރިކަމާއެކު ކުރަމުންދާ ކަމަށްވެސް ރައީސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
މި ބްލޮކޭޑަކީ ލުބުނާނުގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އީރާނުން ކަނޑުއޮޅީގެ ދަތުރުފަތުރު ހަނިކުރުމާ ގުޅިގެން، އީރާނަށް ޕްރެޝަރު ކުރުމުގެ ގޮތުން ޓްރަމްޕް އެޅި ފިޔަވަޅެކެވެ. އީރާނުން އޭރު ބުނެފައިވަނީ ކަނޑުއޮޅި ބަންދުކުރީ ޕާކިސްތާނުން މެދުވެރިވެގެން އެކުލަވާލި ސުލްހައިގެ އެއްބަސްވުމާ އިޒްރޭލުން ހިލާފުވުމުން ކަމަށެވެ.
އެމެރިކާއާއި އީރާނާ ދެމެދު މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ސީދާ މަޝްވަރާތަކުން މާބޮޑު ނަތީޖާއެއް ނުކުމެފައި ނުވާއިރު، ދެ ގައުމުގެ ދެމެދުގައި ނިއުކްލިއާ ޕްރޮގްރާމާ މެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. ނަމަވެސް ކަނޑުއޮޅި ހުޅުވާލުމުގެ ހަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށަށް ގޮސްފައެވެ.
އިޒްރޭލާއި ހިޒްބުالله އާ ދެމެދު އޮތް ހަނގުރާމައާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ މިހާރު މިއޮތީ ފުދިފައި ކަމަށާއި، ލުބުނާނަށް އިތުރު ހަމަލާތައް ދިނުން އިޒްރޭލަށް މިހާރު މަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއީ ހަމައެކަނި އިސްވެދޭ ހަމަލާތަކަށް ނުވަތަ ދިފާއީ ހަމަލާތަކަށްވެސް ހިމެނޭ ގޮތަށް އޮތް މަނާކުރުމެއް ކަމެއް ވައިޓް ހައުސްއިން ސާފުކޮށްދީފައެއް ނުވެއެވެ.


