އިސްރާއީލް ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ތިބި ފަލަސްތީނުގެ ރެފިއުޖީންގެ ފޭލިގެތަކަށް ވައިގެ މަގުން ހަމަލާދީ، އެތަންތަނުގައި އަލިފާން ރޯކޮށް ގިނަ ބަޔަކު މަރަމުންދާ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މާހިރުން ހާމަކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި އދ. ގެ މާހިރުން ފާހަގަކުރި ގޮތުގައި، މާރިޗު މަހުގެ ތެރޭގައި އެކަނިވެސް އިސްރާއީލުން ވަނީ ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ފޭލިގެތަކަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ.
"މިގޮތަށް ތަކުރާރުކޮށް މީހުން ބޭރުކުރުމާއި، ބިރުވެރިކަން އުފެއްދުމާއި، އަދި އަމާޒުކޮށްދޭ ހަމަލާތަކުގެ އަސްލު ބޭނުމަކީ ފަލަސްތީނު މީހުންނަށް ދިރިއުޅުން ދަތިކޮށް، އެމީހުންގެ ބިމުން ދާއިމީކޮށް ބޭރުކޮށްލުން،" ކަމަށް އެ ޕެނަލުން ބުނެފައިވެއެވެ.
އދ. ގެ ހާއްސަ ރެޕަޓުއާ ފްރެންޗެސްކާ އަލްބަނީޒް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ މި ޕެނަލުން ބުނީ، ގާޒާގެ އާބާދީގެ ބޮޑު ބައެއް މިހާރުވެސް އެތައް ފަހަރަކު މަޖުބޫރުން އެއްތަނުން އަނެއްތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ހިމާޔަތް ހޯދައިގެން ތިބޭ މަދަނީ ސަރަހައްދުތަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު ބޮޑު ކުށެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގައިވެސް އިސްރާއީލް ސިފައިންނާއި ހަރުކަށި ވަޒަންވެރިން ހިންގާ ޖަރީމާތައް އިތުރުވަމުންދާ ކަމަށް މާހިރުން ފާހަގަކުރިއެވެ. 2025 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް 36،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ އެމީހުންގެ ގެދޮރުން މަޖުބޫރުން ބޭރުކޮށްލާފައެވެ. މިއީ އެ ސަރަހައްދުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ސިޔާސަތެއްގެ ބައެއް ކަމަށް އދ. އިން ސިފަކުރެއެވެ.
މާހިރުން އިތުރަށް ބުނި ގޮތުގައި، ފޭލިގެތަކުގައި ދިރިއުޅޭ މީހުންނަށް ބަނޑުހައިހޫނުކަމާއި، ފިނިގަދަވުމާއި، އަދި އަސާސީ ހިދުމަތްތައް ނުލިބުމުގެ ސަބަބުން ސިއްހީ ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވަނީ އަންހެނުންނާއި ކުޑަކުދިންނަށެވެ.
ބަޔާން ނިންމާލަމުން އދ. ގެ މާހިރުން ވަނީ އިސްރާއީލުން ހިންގާ މި ޣައިރު ގާނޫނީ އިސްތިއުމާރު ނިމުމަކަށް ގެނައުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައެވެ. އަދި މި ޖަރީމާތައް ތަހުގީގުކޮށް، އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލުމަށްވެސް ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ އިލްތިމާސްކޮށްފައެވެ.


