Thursday, 29 October 2026
އަބްދުލްމަތީން މުޙައްމަދު----ފޮޓޯ:އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުން އަބްދުލްމަތީން އިސްތިއުފާ ދެއްވައިފި

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުޙައްމަދު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އަބްދުލްމަތީން މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

އަބްދުލްމަތީން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރެއްވީ 28 ނޮވެމްބަރު 2023 ގައެވެ. އޭނާއަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރު ވެސްމެއެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

އިލެކްޓްރިކަލް އިންޖީނިއަރިންގ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މަތީން ވަނީ މީގެ ކުރިން ސްޓެލްކޯ އާއި އެކި ޔޫޓިލިޓީ ކުންފުނިތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައެވެ. އަދި އޭނާއަކީ ރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްގީ ކުރެއްވުމުގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

މަތީން އިސްތިއުފާ ދެއްވި އިރު، މިއަދު ވަނީ މިފްކޯގެ މެނޭޖިން ޑިރެކްޓަރު ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ވެސް މަގާމުން އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން މީގެ ފަސް ދުވަސް ކުރިން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *