މި އަސްކަރީ ހަރަކާތް ހިނގާފައި މިވަނީ އެމެރިކާ، އިސްރާއީލް އަދި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ޕާކިސްތާނުން އިސްނަގައިގެން ކުރިއަށްގެންދާ ދަނޑިވަޅެއްގައެވެ. މި މަޝްވަރާތައް އިސްލާމްއާބާދުގައި ކުރިއަށްދާއިރު، އެމެރިކާއާއި އީރާނުގެ މަތީ ފަންތީގެ ވަފުދުތަކުން ދަނީ ސީދާ މަޝްވަރާތަކުގައި ބައިވެރިވަމުންނެވެ.
މި ބޯޓުތައް ފޮނުވާފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު ޖަމާއީ ދިފާއީ އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމުގައިވާ ގޮތުން އެއް ގައުމަށް ދެވޭ ހަމަލާއަކީ އަނެއް ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލައި، އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ރިޔާޟަށް ކުރެއްވި ދަތުރުފުޅެއްގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއެކު ބޭއްވި ބައްދަލުވުމުގައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނުގެ ރޫހީ މީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުން ވަނީ ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަމާޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ. ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގު ދާރު ވިދާޅުވި ގޮތުގައި، ސައުދީއާއެކު ވެފައިވާ އެއްބަސްވުމަށް ޕާކިސްތާނުން އިހުތިރާމް ކުރާނެ ކަމުގެ އިންޒާރު އީރާނުގެ ލީޑަރުންނަށް ވަނީ ދީފައެވެ.
ހަނގުރާމަމަތީ ބޯޓުތައް ފޮނުވުމުގެ ހަތަރު ދުވަސް ކުރިން ބޮޑުވަޒީރު ޝަރީފް ވަނީ ސައުދީ ވަލީއަހުދަށް ފޯނުން ގުޅުއްވައި، ޕާކިސްތާނުން ސައުދީއާއެކު ސާބިތުކަމާއެކު އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެ އިތުރުން، ސައުދީން ޕާކިސްތާނުގައި އިންވެސްޓް ކުރުމަށް ނިންމާފައިވާ 5 ބިލިއަން ޑޮލަރުގެ ޕެކޭޖް އަވަސްކުރުމަށްވެސް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.
ސައުދީ އަރަބިއްޔާއަކީ ޕާކިސްތާނުގެ 2.5 މިލިއަނަށްވުރެ ގިނަ މަސައްކަތްތެރިން ދިރިއުޅޭ ގައުމަކަށް ވާއިރު، އެމީހުން ފޮނުވާ ފައިސާއަކީ ޕާކިސްތާނުގެ ނާޒުކު އިގްތިސާދަށް ވަރަށް މުހިންމު އެހީއެކެވެ. މި ދަނޑިވަޅުގައި ޕާކިސްތާނުގެ އަސްކަރީ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު ވެސް ވަނީ ރިޔާޟަށް ވަޑައިގެން ދިފާއީ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.


