ނާސާގެ އާޓެމިސް 2 މިޝަންގެ އެސްޓްރޮނޯޓުން ހަނދު ވަށާ ބުރުޖެހުމަށްފަހު ރައްކާތެރިކަމާއެކު ދުނިޔެއަށް އެނބުރި އަތުވެއްޖެއެވެ. މިއީ ފާއިތުވި 50 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އިންސާނުން ހިމެނޭ ގޮތަށް ހަނދަށް ކުރި ފުރަތަމަ ދަތުރެވެ.
އޮރަޔަން ސްޕޭސްކްރާފްޓް ދުނިޔޭގެ ޖައްވަށް ވަދެ، ކެލިފޯނިއާގެ އައްސޭރިފަށުން ޕެސިފިކް ކަނޑަށް ޖައްސާފައިވަނީ ހުކުރު ދުވަހުގެ އިރުއޮއްސި 5:07 ގައެވެ. މި އުޅަނދު ކަނޑަށް ޖެއްސުމާއެކު، އެ ސަރަހައްދުގައި ތިބި ރިކަވަރީ ޓީމުތަކުން ވަނީ ވަގުތުން ހަރަކާތްތެރިވެ، ކެޕްސޫލް ރައްކާތެރިކޮށް އެސްޓްރޮނޯޓުން ބޯޓަށް އަރުވާފައެވެ.
މި މިޝަންގައި ބައިވެރިވީ ނާސާގެ އެސްޓްރޮނޯޓުން ކަމަށްވާ ރީޑް ވައިޒްމަން، ވިކްޓަރ ގްލޯވާ އަދި ކްރިސްޓީނާ ކޮކް ގެ އިތުރުން ކެނެޑާގެ އެސްޓްރޮނޯޓް ޖެރެމީ ހެންސަން އެވެ. ދުނިޔޭގެ ޖައްވަށް ވަނުމުގެ ކުޑަވަގުތުކޮޅެއް ކުރިން މިޝަންގެ ކޮމާންޑަރު ވައިޒްމަން ރޭޑިއޯ މެދުވެރިކޮށް ބުނެފައިވަނީ، "ދެވަނަ ކުޑަދޮރުން ހަނދު ވަރަށް ރީތިކޮށް ފެނޭ – އިއްޔެއަށްވުރެ ތަންކޮޅެއް ކުޑަހެން ހީވާ" ކަމަށެވެ. މީގެ ޖަވާބުގައި ހިއުސްޓަންގެ ކޮންޓްރޯލް ސެންޓަރުން ބުނީ އަލުން އެނބުރި ދާންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ލޮކްހީޑް މާޓިން އިން އުފައްދާފައިވާ އޮރަޔަން ސްޕޭސްކްރާފްޓަށް މި ދަތުރަކީ ވަރަށް މުހިންމު އިމްތިހާނެކެވެ. ހަނދުން އެނބުރި އަންނައިރު ހުންނަ ގަދަ ހޫނާއި ބާރު ދުވެލީގައި ޖައްވަށް ވަންނައިރު ކެޕްސޫލަށް ކެތްކުރެވޭނެކަން މި ދަތުރުން ވަނީ ސާބިތުކޮށްދީފައެވެ. 13 މިނެޓުގެ މި ދަތުރުގައި ކެޕްސޫލްގެ ބޭރުގެ ހޫނުމިން 2,760 ޑިގްރީ ސެލްސިއަސްއަށް އެރިއެވެ. މީގެ ސަބަބުން ކުޑަވަގުތުކޮޅަކަށް މުއާސަލާތީ ގުޅުންވެސް މެދުކެނޑުނެވެ.
ކެޕްސޫލްގެ ޕެރަޝޫޓްތައް ހުޅުވި، ދުވެލި މަޑުވުމާއެކު އަލުން މުއާސަލާތީ ގުޅުން ގާއިމުވިއެވެ. އެސްޓްރޮނޯޓުން ބޭރަށް ނެރުނުއިރު، މުއާސަލާތީ ބައެއް ކުދި މައްސަލަތައް ފިޔަވައި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
"އަޅުގަނޑުމެން މިވަނީ އަލުން ހަނދަށް އެސްޓްރޮނޯޓުން ފޮނުވައި، ރައްކާތެރިކަމާއެކު އެނބުރި ގެނައުމުގެ މަސައްކަތުގެ ތެރެއަށް ވަދެފައި" ނާސާގެ ޗީފް ޖެރެޑް އައިޒަކްމަން ވިދާޅުވިއެވެ.އަދި މިއީ ކުރިއަށް ހުރި ގިނަ މިޝަންތަކަކަށް އެޅުނު ބިންގަލެއް ކަމަށްވެސް ވިދާޅުވިއެވެ.


