އަތޮޅުތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސް، އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2026 އޭޕްރީލް 6 ވަނަ ދުވަހުގެ ރޭގައެވެ. މި ހާދިސާ ތަހުގީގު ކުރުމަށްޓަކައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ހާއްސަ ތަހުގީގު ޓީމެއް މިހާރު ދަނީ އެ ރަށުގައި ހަރަކާތެރިވަމުންނެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއް ފެތުރެމުންދާކަން ފާހަގަކޮށް ފުލުހުން ބުނީ، ހަގީގަތާ ހިލާފު ވާހަކަތަކާއި ކަން ހިނގައިދިޔަ ގޮތް އޮޅޭ ފަދަ މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ކަށަވަރުނުވާ މައުލޫމާތަށް ބަރޯސާނުވުމަށް މީޑިއާތަކަށާއި އާންމުންނަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން، އަނިޔާ ލިބުނު ފަރާތަކީ ކުޑަކުއްޖަކަށް ވާތީ، އެ ކުއްޖާގެ ޒާތީ މައުލޫމާތު ހިފެހެއްޓުމަށާއި ކަރާމާތަށް އިހުތިރާމް ކުރުމަށް ފުލުހުން ވަނީ ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. "ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ކުއްޖާ އަކީ ކާކުކަން އެނގިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އިތުރު ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް އެއްޗެއް ހިއްސާނުކުރުމަށް" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ވަރަކުން އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް ބެލެވެއެވެ..


