Tuesday, 28 July 2026
ތ. ވޭމަންޑޫގައި ހިއްކި ސަރަހައްދު -- ފޮޓޯ: ރައީސް/އެކްސް

ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް އެއް މަސްދުވަހުގެ ތެރޭގައި ނިންމާލައިފި

ތ. ވޭމަންޑޫގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ގާތްގަނޑަކަށް އެއް މަސްދުވަހުގެ ތެރޭގައި ނިންމާލައި، އެ ރަށަށް 27 ހެކްޓަރުގެ ބިން އިތުރުކޮށްފިއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުގެ އެއާޕޯޓު ކުންފުނި، އެމްއޭސީއެލްގެ ބެލުމުގެ ދަށުންނެވެ.

އެމްއޭސީއެލުން މައުލޫމާތު ދޭ ގޮތުގައި، ވޭމަންޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 'އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބިޔަ މަޝްރޫއު ނިންމާލުމަށް ހޭދަވީ އެންމެ 23 ދުވަސް ކަމަށެވެ.

މި މަޝްރޫއުގައި ބޭނުންކޮށްފައިވަނީ ބެލްޖިއަމްގެ ޖަން ޑެ ނޫލް ގްރޫޕުގެ "ފިލިޕޯ ބްރޫނެލެޝީ" ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. މިއީ 2003 ވަނަ އަހަރު ސްޕެއިންގައި ފަރުމާކޮށްފައިވާ އުޅަނދެކެވެ. މި ޑްރެޖަރު ބޭނުންކޮށްގެން މީގެ ކުރިން އދ. ބޮޑުފޮޅަދޫގެ ބިން ހިއްކުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކޮށްފައިވެއެވެ.

ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، އެ ރަށާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމަކީ އެ ސަރަހައްދުގެ ރައްޔިތުންގެ ބޮޑު އުންމީދެކެވެ. މި މަޝްރޫއަކީ ނިމިދިޔަ ސަރުކާރުގެ ވައުދެއް ނަމަވެސް، ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށިފައެއް ނުވެއެވެ.

ރައީސް ޑރ. މުޢިއްޒު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުތަކުގައި ވަނީ ކިނބިދޫ އާއި ވޭމަންޑޫ ގުޅާލުމުގެ މަޝްރޫއު ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ތަކުރާރުކޮށް ވައުދުވެވަޑައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *