Monday, 26 October 2026
ކަނާތުން ވައަތަށް- އީރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ މުޖުތަބާ ޚާމަނާއީ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: މީސްމީޑިއާ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އީރާނުން އިންކާރުކޮށް، ހުށަހެޅީ ސަރަހައްދީ ސުލްހައިގެ ޝަރުތުތަކެއް!

އެމެރިކާއިން ހުށަހެޅި 45 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އީރާނުން އިންކާރުކޮށް، އެ ގައުމުގެ ހުށަހެޅުންތައް ޕާކިސްތާނު މެދުވެރިކޮށް ފޮނުވާފައިވާ ކަމަށް އީރާނުގެ ރަސްމީ ނޫސް އެޖެންސީ "އިރްނާ" އިން ރިޕޯޓްކޮށްފިއެވެ. އީރާނުން ވަނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި ސަރަހައްދީ ސުލްހައަށް މަގުފަހިވާނެ ބޮޑެތި ޝަރުތުތަކެއް ހުށަހަޅާފައެވެ.

އީރާނުގެ ޖަވާބުގައި އެންމެ އިސްކަމެއް ދީފައިވަނީ ލުބުނާނާއި ޣައްޒާ ހިމެނޭހެން، މެދުއިރުމަތީގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްދާ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށެވެ. އީރާނުން ބުނެފައިވަނީ ހަމައެކަނި ވަގުތީ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަކީ ހައްލެއް ނޫން ކަމަށާއި، ހަނގުރާމަ ދާއިމީކޮށް ހުއްޓާލާނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބެންޖެހޭނެ ކަމަށެވެ.

އީރާނުން ހުށަހެޅި ހަރުކަށި ޝަރުތުތަކުގެ ތެރޭގައި ޕާޝިއަން ގަލްފްގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް އުވާލުން ހިމެނެއެވެ. މީގެ އިތުރުން، ހޯރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އީރާނަށް އޮންނާނެކަން ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރުމަށާއި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ފީ ނެގުމުގެ ހުއްދަ ލިބޭ އާ އުސޫލެއް ގާއިމުކުރުމަށް ވެސް އީރާނުން ވަނީ ޝަރުތުކޮށްފައެވެ.

އިގްތިސާދީ ދާއިރާއިން އީރާނުން އެދިފައިވަނީ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލުމަށާއި، ހަނގުރާމައިގެ ސަބަބުން ލިބުނު އިގްތިސާދީ ގެއްލުންތަކުގެ ބަދަލު ނަގައިދިނުމަށެވެ. ހަމައެއާއެކު، އެން.ޕީ.ޓީ އާއި އދ. ގެ މުއާހަދާގެ ދަށުން ލިބިދޭ ހައްގުގެ ދަށުން، ސުލްހަވެރި ބޭނުންތަކަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގު އީރާނަށް އޮތްކަން ރަސްމީކޮށް ގަބޫލުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

މި ހުށަހެޅުންތަކަކީ މެދުއިރުމަތީގެ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަންތައްތަކެއް ކަމަށްވާއިރު، އެމެރިކާއިން މިކަމާ މެދު އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *