Tuesday, 28 July 2026
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ފޮޓޯ: އެޓޯލްސް ޓައިމްސް

ނަޝީދާއި ސޯލިހާއެކު އެމްޑީޕީގެ ކާމިޔާބީ ފާހަގަކުރަން މާރިޔާ ގޮވާލައްވައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު އެމްޑީޕީގެ ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ގޮވާލައްވައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ މާލޭގައި ބާއްވާ ޖަލްސާގައި ރައީސް ނަޝީދަށް ފުރުސަތު ނުދޭން ނިންމުމާ ގުޅިގެން ޕާޓީގެ ތެރޭގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފައެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީގެ އާންމު މެމްބަރުންނާއި ޒުވާނުން ބޭނުންވަނީ ދެ ރައީސުން އެކުގައި ސްޓޭޖުން ފެނުމަށާއި، އެ ބޭފުޅުންނާއެކު އުފާފާޅުކުރުމުގައި ބައިވެރިވުމަށް ކަމަށެވެ. އަދި މުޅި ރާއްޖޭގެ ޑިމޮކްރެސީއަށް ލޯބިކުރާ އެންމެންވެސް އެދެނީ އެމްޑީޕީ އެކުގައި ވަރުގަދަކޮށް ފެނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ކާމިޔާބީ ގައުމީ ފެންވަރެއްގައި ދެ ރައީސުންނާއެކު ފާހަގަކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މާރިޔާ ވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރުގެ ކިބައިން އެދިވަޑައިގެންފައެވެ. މާރިޔާ ވިދާޅުވި ގޮތުގައި މިއީ ޕާޓީގެ މެމްބަރުންގެ ވަރަށް ބޮޑު އެދުމެކެވެ.

މި މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "މި އުފާވެރި ރޭ، ވަރަށް ހިތްދަތިވެއްޖެ" ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން އެމްޑީޕީން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *