މާރިޔާ ވިދާޅުވީ އެމްޑީޕީގެ އާންމު މެމްބަރުންނާއި ޒުވާނުން ބޭނުންވަނީ ދެ ރައީސުން އެކުގައި ސްޓޭޖުން ފެނުމަށާއި، އެ ބޭފުޅުންނާއެކު އުފާފާޅުކުރުމުގައި ބައިވެރިވުމަށް ކަމަށެވެ. އަދި މުޅި ރާއްޖޭގެ ޑިމޮކްރެސީއަށް ލޯބިކުރާ އެންމެންވެސް އެދެނީ އެމްޑީޕީ އެކުގައި ވަރުގަދަކޮށް ފެނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ކާމިޔާބީ ގައުމީ ފެންވަރެއްގައި ދެ ރައީސުންނާއެކު ފާހަގަކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މާރިޔާ ވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރުގެ ކިބައިން އެދިވަޑައިގެންފައެވެ. މާރިޔާ ވިދާޅުވި ގޮތުގައި މިއީ ޕާޓީގެ މެމްބަރުންގެ ވަރަށް ބޮޑު އެދުމެކެވެ.
މި މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "މި އުފާވެރި ރޭ، ވަރަށް ހިތްދަތިވެއްޖެ" ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން އެމްޑީޕީން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.


