ވޭތުވެދިޔަ ދުވަސްތަކުގައި އީރާނުން ދެމުންދާ ހަމަލާތަކުގެ މަރުކަޒަކަށް ކުވައިތާއި ޔޫއޭއީ ވެފައިވާއިރު، ރޭގެ ވަގުތެއްގައި ކުވައިތަށް އަމާޒުކޮށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ވަނީ ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ މުހިންމު ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކުވައިތުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ދެ ކަރަންޓު ޕްލާންޓަކަށާއި ފެން ޕްލާންޓަކަށް ޑްރޯން ބޭނުންކޮށްގެން ވަނީ ހަމަލާދީފައެވެ. މި ހަމަލާތަކުގެ ސަބަބުން އެ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ކުވައިތުގެ މިނިސްޓްރީ އޮފް ފައިނޭންސް އިން ބުނި ގޮތުގައި، ވެރިރަށް ކުވައިތު ސިޓީގައި ހުންނަ އެ މިނިސްޓްރީގެ ކޮމްޕްލެކްސްއަށް ވެސް އީރާނުގެ ޑްރޯން ހަމަލާއެއް ވަނީ އަމާޒުވެފައެވެ. އަދި ކުވައިތު ޕެޓްރޯލިއަމް ކޯޕަރޭޝަނުން ބުނި ގޮތުގައި، ޝުވައިޚް ތެޔޮ ސަރަހައްދުގެ ކޮމްޕްލެކްސްއަށް ދިން ޑްރޯން ހަމަލާއަކާ ގުޅިގެން އެތަނުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ.
މި ސަރަހައްދުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އީރާނަށް ދޭ ހަމަލާތައް ވަރުގަދަކޮށްފިނަމަ، އީރާނުން ގަލްފުގެ އެހެން ގައުމުތަކުގެ މިފަދަ ވަސީލަތްތަކަށް އިތުރު ހަމަލާތައް ދިނުމުގެ ފުރުސަތު ބޮޑެވެ.
ޖީސީސީގެ ގައުމުތަކުން ބުނަމުންދަނީ ވޭތުވެދިޔަ ފަސް ހަފުތާ ތެރޭގައި ދެމުންދާ ހަމަލާތަކާ ކުރިމަތިލުމުގައި އެ ގައުމުތަކުން އިންތިހާއަށް ކެތްތެރިކަން އިސްކޮށްފައިވާ ކަމަށެވެ. އެ ގައުމުތަކުން ދިފާއީ ކަންކަމަށް އަހަރަކު ގާތްގަނޑަކަށް 115 ބިލިއަން ޑޮލަރު ހޭދަކުރާއިރު، ރައްދު ހަމަލާ ދިނުމުގެ ގާބިލުކަން އެބަހުރި ކަމަށް ވެސް ވަނީ ބުނެފައެވެ.
މި ވަގުތު ޖީސީސީގެ ގިނަ ގައުމުތަކުން އެންމެ ބޮޑު އިސްކަމެއް ދެނީ މަޝްވަރާގެ މަތިން މަސްރަހު ފިނިކުރުމަށެވެ. ނަމަވެސް، ހަމަލާތައް މެދުނުކެނޑި ކުރިއަށްދާނަމަ، މިހާރު ގެންގުޅޭ ދިފާއީ ސިޔާސަތު ބަދަލުކުރަން ޖެހިދާނެ ކަމުގެ އިންޒާރު ބައެއް ގައުމުތަކުން ވަނީ ދީފައެވެ.


