މިއަދު ހެނދުނުން ފެށިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ ތިން އިންތިހާބުގައި ވޯޓުލުމުގެ ވަގުތު އިތުރުކުރުމުގެ އެއްވެސް ވިސްނުމެއް އަދި ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. ކޮމިޝަނުން މިހެން ބުނެފައިވަނީ ވޯޓުލާ ގަޑި އިތުރުކުރަން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ޚަބަރުތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ އާއްމު ހިޔާލު ހޯދުމުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ވަނީ ފަށާފައެވެ. ނަމަވެސް، ވޯޓުލުމަށް ބޭނުންވާ މިންވަރަށް އޮފިޝަލުން ހަމަނުވުމުގެ ސަބަބުން 28 ވޯޓު ފޮއްޓެއްގެ ކަންކަން ގަޑިއަށް ފެށޭގޮތް ވަނީ ނުވެފައެވެ. އެހެންނަމަވެސް، އެ މައްސަލަތައް ހައްލުކޮށް ހެނދުނު 9:30 ވީއިރު ހުރިހާ ފޮއްޓެއްގެ ވޯޓުލުން ވަނީ ފަށާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ "ވަގުތު އިތުރުކުރުމުގެ ވިސްނުމެއް އަދި ނެތް" ކަމަށާއި، މިހާރު ކަނޑައެޅިފައިވާ ގޮތަށް ހަވީރު 4:00 ގައި ކިއޫތައް ބަންދުކުރާނެ ކަމަށެވެ. އަދި ގުދުރަތީ ކަމެއް ދިމާވެގެން މެނުވީ އެއްވެސް އިންތިހާބެއްގައި ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ. މިއީ ފަހަކަށް އައިސް ބާއްވާ ކޮންމެ އިންތިހާބެއްގައިވެސް އެ ކޮމިޝަނުން އަމަލުކުރަމުން އަންނަ އުސޫލެވެ.
މި އިންތިހާބުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، މެންދުރު ބާރަ ޖެހުމާ ހަމައަށް 62,083 މީހުން ވަނީ ވޯޓުލާފައެވެ. އެހެންކަމުން، އެންމެ ފަހު ވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.


