ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުށަހަޅާފައިވާ ގަރާރަށް އދ. ގެ ސަލާމަތީ މަޖިލީހުގައި ވޯޓަށް އެހުން، ކުރިން ރޭވިފައި އޮތް ތާރީޚަށްވުރެ ލަސްކޮށް އަންނަ ހޮނިހިރު ދުވަހަށް ތާވަލުކޮށްފި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މި ގަރާރަކީ ބަހްރޭނުން އިސްނަގައިގެން ހުށަހަޅާފައިވާ ގަރާރެކެވެ. ސަލާމަތީ މަޖިލީހުގެ 15 މެންބަރު ގައުމުން ވޯޓު ދިނުމަށް ހަމަޖެހިފައިވާ މި ގަރާރުގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު ކަނޑުގެ ސަރަހައްދެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ރައްކާތެރިކަން ހޯދައިދިނުމެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަދި ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ގަރާރުގެ ދެލިކޮޕީގައި ވިޔަފާރި އުޅަނދުފަހަރު ހިމާޔަތްކުރުމަށްޓަކައި ދިފާއީ ގޮތުން ބޭނުންކުރަންޖެހޭ އެންމެހައި ވަސީލަތްތަކާއި އުސޫލުތައް ބޭނުންކުރުމުގެ ހުއްދަ ގައުމުތަކަށް ދިނުމަށް ހިމަނާފައިވެއެވެ.
ނަމަވެސް، މި ގަރާރު ފާސްވުމުގެ ފުރުސަތު ކުޑަކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ސަބަބަކީ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ޗައިނާއިން، ބާރުގެ ބޭނުންކުރުމާ ގުޅޭ އެއްވެސް ވާހަކައެއް ހިމެނޭ ގަރާރަކަށް ތާއީދު ނުކުރާނެކަން ސާފުކޮށް ބުނެފައިވާތީއެވެ.
މި ވޯޓު ކުރިން ނެގުމަށް ހަމަޖެހިފައި އޮތީ ހުކުރު ދުވަހުގައެވެ. ނަމަވެސް އިތުރު މަޝްވަރާތަކަށް ވަގުތު ހޯދުމުގެ ގޮތުން މިހާރު ވަނީ ހޮނިހިރު ދުވަހަށް ފަސްކުރެވިފައެވެ.


