Tuesday, 28 July 2026
ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ޕީއެންސީ

ނިމިގެންދިޔަ ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް: ރައީސް

ސަރުކާރުގެ ތިން ވަނަ އަހަރު ގުނަމުންދާއިރު ނިމިގެންދިޔަ ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ބޭއްވި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މިހާތަނަށް ނިންމަވާފައިވާ ނިންމެވުންތަކަށް ރިޢާޔަތްކުރައްވައި އެފަދަ ގިނަ ނިންމެވުންތަކަކީ އެހާ މަގުބޫލު ނިންމެވުންތަކަކަށް ނުވިޔަސް އެކަންކަމަކީ ޤައުމަށް އެކަމުން ފައިދާވާނެ ކަންކަން ކަމުގައި ވިދާޅުވިއެވެ. އެގޮތުން ވޭޕް މަނާކުރުމާއި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ އާދައިން ޤައުމު ސަލާމަތް ކުރުމަށްޓަކައި ޖެނެރޭޝަނަލް ބޭންއެއްގެ ގޮތުގައި ވަކި އުމުރެއް ކަނޑައަޅައި، 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވި އަދި އުފަންވާންތިބި އެންމެން އެކަމުން ސަލާމަތްކުރަން ނިންމެވީވެސް ޤައުމީ ވިސްނުމެއްގައިކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރާ ފަރާތްތަކަށް ފިރިހެން ބޭފުޅުންނަށްވެސް ވޯޓުލެއްވޭނެ ކަމަށެވެ. މިކަމާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާއިރު ރައްޔިތުންނަށް ތިން ވޯޓު ކަރުދާސްކޮޅެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އެއީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ އެހުމަށް އޮންނަ ވޯޓު ކަރުދާސްކޮޅާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބު ކުރުމަށް އޮންނަ ކަރުދާސްކޮޅާއި، ކައުންސިލް އިންތިޚާބު ކުރުމަށް އޮންނަ ކަރުދާސްކޮޅެވެ. މިއިން ކޮންމެ ކަރުދާސްކޮޅެއް ލުމަށް ވަކި ފޮއްޓެއް ހުންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީވެސް ޤައުމީ ވިސްނުމެއްގައި ކުރައްވާ ކަމެއްކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބަށްފަހު ކުރު މުއްދަތެއްގެ ތެރޭގައި މަޖިލިސް އިންތިޚާބު ބޭއްވުމަކީ ޤައުމަށް އެތައް ގެއްލުމެއް ކުރިމަތިވާ ކަމެއް ކަމަށެވެ. މިހާރު އޮތް ގޮތުން މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ ފުރުސަތު ގެއްލިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރިޔާސީ އިންތިޚާބު ނިމި ސަރުކާރެއް ހޮވުމުން، އެ ސަރުކާރަކުން ކެންޑިޑޭޓުން ނެރެގެން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުން އެހެން ޕާޓީތަކުން ކުރިމަތިލާ މެންބަރުން ހޮވުމުގައި އޮންނަންޖެހޭ ހަމަހަމަކަން ނޯވޭ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބަދަލުތަކަކީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށާއި އިންތިޚާބީ ނިޒާމު ހަރުދަނާކުރުމަށް ގެންނަ މުހިންމު ބަދަލުތަކެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *