އެއް ކުށެއް ކުރާ ޔަހޫދީންނަށް ނޫން ގޮތަށް، ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދިނުމަށް އިސްރާއީލުން ފާސްކުރި ގާނޫނު އިންޑޮނޭޝިއާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ގާނޫނާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުން އަޑުއުފުލަމުންދާ ދަނޑިވަޅެއްގައި އިންޑޮނޭޝިއާއިން ވެސް މިވަނީ މި ސަފުގައި ބައިވެރިވެފައެވެ.
އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މިފަދަ ސިޔާސަތުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި މިއީ އިންސާފުގެ މަގަށް ހުރަސްއެޅި، އިންސާނިއްޔަތުގެ މުހިންމު އަގުތަކަށް އުނިކަން ލިބޭ ކަމެއްގެ ގޮތުގައި އެ މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ.
އިންޑޮނޭޝިއާ ސަރުކާރުން އިތުރަށް ފާހަގަކުރި ގޮތުގައި، މި ގާނޫނަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާއި، ހާއްސަކޮށް ހަތަރުވަނަ ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ހިލާފު ކަމެކެވެ. މީގެ އިތުރުން މިއީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އައިސީސީޕީއާރް) އާ ވެސް ހިލާފު އަމަލެއް ކަމަށް އެ ގައުމުން ބުނެއެވެ.
"މި ގާނޫނަކީ އިންސާނާގެ ދިރިހުރުމުގެ ހައްގާއި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގަށް އަރައިގަތުން،" ކަމަށް އިންޑޮނޭޝިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. އިސްރާއީލުގެ މި ނިންމުމަކީ ވަކި ނަސްލަކަށް އަމާޒުކޮށްގެން ތަފާތުކުރުންތައް ގެންގުޅުމުގެ ހެއްކެއް ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.


