Tuesday, 28 July 2026

ވަކި ހާއްސަ ހާލަތްތަކެއްގައި ފުލުހުންނަށް އޮންލައިންކޮށް ޝަރީއަތްތަކަށް ހެކިބަސް ދެވޭގޮތް ހަދައިފި

ވަކި ހާއްސަ ހާލަތްތަކެއް ދިމާވެގެން ކޯޓަށް ހާޒިރުވެވެން ނެތް ހާލަތްތަކުގައި، ފުލުހުންގެ މަރުކަޒެއްގައި ތިބެގެން އޮންލައިންކޮށް ހެކިބަސް ދެވޭ ގޮތަށް ސުޕްރީމް ކޯޓުން ގަވާއިދަށް އިސްލާހު ގެނެސްފިއެވެ. މި ބަދަލު ގެނައީ އިއްޔެ ބޭއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުންނެވެ.

ސުޕްރީމް ކޯޓުން އިސްލާހު ކުރީ ’އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ކޯޓުތަކުގެ އަޑުއެހުންތަކާއި ޝަރީއަތްތައް ކުރިއަށް ގެންދިއުމާބެހޭ ގަވާއިދު' އެވެ. މި ގަވާއިދުގެ ތިންވަނަ މާއްދާއަށް (ޅ) ގެ ގޮތުގައި އަކުރެއް އިތުރުކޮށް ގެނައި އިސްލާހަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.

މި އިސްލާހުގެ ދަށުން، އަދުލު އިންސާފުގެ ހަމަތައް ނުގެއްލޭ ގޮތުގެ މަތިން، ތިން ހާލަތެއްގައި ދައުލަތުން ހުށަހަޅާ ފުލުހުންގެ ހެކިބަސް އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ނެގުމުގެ އިހުތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.

ފުލުހުންނަށް އޮންލައިންކޮށް ހެކިބަސް ދެވޭނެ ކަމަށް ކަނޑައަޅާފައިވާ ހާއްސަ ހާލަތްތަކަކީ:

  • އަދާކުރާ ޒިންމާގެ ގޮތުން ކޯޓަށް ހާޒިރުވެވެން ނެތުން.
  • ޓްރޭނިން ޕްރޮގްރާމެއް ފުރިހަމަ ކުރަމުންދާ ފުލުހެއްނަމަ، ޓްރޭނިން މެދުކަނޑާލާފައި ކޯޓަށް ހާޒިރުވެވެން ނެތުން.
  • މައްސަލަ ހުށަހެޅިފައިވާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި ހުރުން.

މީގެ ކުރިން ވެސް ބައެއް ހާއްސަ ހާލަތްތަކުގައި ހަބީރުންގެ ހެކިބަސް އޮންލައިންކޮށް ނެގުމުގެ ފުރުސަތު އޮންނަ އިރު، މިއީ ފުލުހުންނަށް މި ފުރުސަތު ފުޅާކޮށްދިން ފުރަތަމަ ފަހަރެވެ. މި ބަދަލުގެ ސަބަބުން ޝަރީއަތްތައް އަވަސްވެ، ހެކިބަސް ނެގުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *