Wednesday, 28 October 2026
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް--- ފޮޓޯ;އެމްއޭސީއެލް

ބިންވެރިޔާ ހާއްސަ ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 'ބިންވެރިޔާ ހާއްސަ ސްކީމު’ގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ވަނީ ރަސްމީކޮށް ހުޅުވާލައިފ އެވެ. ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި ފުރުސަތު މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް އޮންނާނެ ކަމަށާއި، ފޯމު ހުށަހަޅަން ޖެހޭނީ 'ބޯހިޔާވަހިކަން ޕޯޓަލް' މެދުވެރިކޮށް ކަމަށެވެ.

މި ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ. މިގޮތުން ދޫކުރާ ކޮންމެ ގޯއްޗެއްގެ ބޮޑުމިނަކީ 1,250 އަކަފޫޓެވެ. މި ސްކީމަކީ މީގެ ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށާއި، ބޯހިޔާވަހިކަމުގެ އެހެން ސްކީމްތަކުގެ ސަބަބުން ފުރުސަތު ގެއްލުނު ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުވާލި ފުރުސަތެކެވެ.

މި އުސޫލުގެ ދަށުން ދެ ކެޓަގަރީއަކުން ފޯމު ހުށަހެޅޭނެ އެވެ. އެއީ:

ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން އެހެން ފަރާތަކާ ގުޅިގެން އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތައް.

ކެޓަގަރީ 2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތައް.

އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން، ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު މީހުންގެ ތެރެއިން، އެ ފޯމުގައި ހިމެނޭ ހުރިހާ އެންމެން އެ ގޯތި ދޫކޮށްލަން އެއްބަސްވާ ނަމަ، ކޮންމެ މީހަކަށް ވަކި ގޯއްޗެއް ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން، ކުރިން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެ ފްލެޓް ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ވެސް މި ސްކީމުގެ ދަށުން ގޯއްޗަށް ކުރިމަތިލެވޭނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ގޯތީގެ އެލޮކޭޝަން ހެދުމުގައި އަމަލުކުރާނެ އުސޫލު ކަނޑައަޅާނީ، ޝަރުތު ހަމަވާ މީހުންގެ އަދަދަށާއި ދޫކުރާ ގޯތީގެ އަދަދަށް ބަލައިގެން ކަމަށެވެ. މީގެ އިތުރުން، 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީއެއް ކަނޑައަޅައި، އެ ފަރާތްތަކަށް ވަކިން ފޯމު ހުށަހެޅޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *