ކުޑަކުދިން އެކްސްޕްލޮއިޓްކޮށް، ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރިހިދޯދި / ގދ.ފިޔޯރީ، މޫސަލް މުއީން (37އ)އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ، ކުޑަކުއްޖެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ކުއްޖާ ގުރޫމްކޮށް އެކްސްޕްލޮއިޓްކުރުމަށް މަސައްކަތްކުރުމާއި، ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކޮށް ގެންގުޅުމާއި ކުޑަކުދިންނާއެކު ޖިންސީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދެވެ. އެ މައްސަލައިގައި އޭނާގެ ބަންދަށް އިތުރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުވެސް ކޮށްފައެވެ.
މޫސަލްއަކީ ޓީވީއެމްގެ ސީނިއާ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އަދި ކުޑަކުދިންގެ މެދުގައި މަގުބޫލު އެތައް ޓީވީ ޝޯތައް އޭނާ ވަނީ މިހާތަނަށް އުފައްދައިފައެވެ.


