ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އަންނަމުންދިޔަ ނަމަވެސް، ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށާއި ރާއްޖެއަށް ބޭނުންވާ ވަރަށް ތެލުގެ ރިޒާވް އެބަހުރި ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޒަމީރު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށާއި އަމިއްލަ ވިޔަފާރިތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވުމުގެ އަސަރު އިގްތިސާދަށް ކުރަމުންދާކަން ފާހަގަކުރައްވައި، އެކަންކަމުން އަރައިގަތުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ސިއްހީ ހިދުމަތްތަކާއި، ބޭރުގައި ކިޔަވާ ކުދިންނަށް ފޮނުވަންޖެހޭ ފައިސާ އަދި ކާޑުގެ ބާވަތްތައް އެތެރެކުރުމުގެ ކަންކަން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކުރިއަށްދާ ކަމަށެވެ. އަދި މި ހިދުމަތްތަކުގެ އަގުތައް އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ތެލުގެ ރިޒާވްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ސްޓޮކްގައި އެކަށީގެންވާ ވަރަށް ތެޔޮ އެބަހުރި ކަމަށެވެ. "އެސްޓީއޯއިން ތެލުގެ ދެ ޝިޕްމަންޓެއް މިހާރުވެސް ވަނީ ގެނެސްފައި. އަންނަ މަހުގެ ކުރީކޮޅު ސިންގަޕޫރުން ޕެޓްރޯލާއި ޑީސަލްގެ އިތުރު ޝިޕްމަންޓެއް އަންނާނެ، އަދި އޮމާންގެ ސޮހާރުންވެސް އިތުރު ޝިޕްމަންޓެއް އައުމަށް ވަނީ ހަމަޖެހިފައި،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ތެލުގެ ވިޔަފާރިއަކީ އެސްޓީއޯގެ އިތުރުން އަމިއްލަ ފަރާތްތަކުންވެސް ކުރާ މަސައްކަތަކަށް ވާތީ، ސަރުކާރުން ފިޔަވަޅުތައް އަޅަމުންދަނީ އަމިއްލަ ވިޔަފާރިތަކަށްވެސް ގެއްލުން ނުވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ. އަދި ވަކި ސިނާއަތްތަކަކަށް ހާއްސަކޮށްގެން ތެލުގެ އަގު ބޮޑުކޮށްފައި ނުވާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ހެޔޮ އަގެއްގައި ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދިނުން ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.


