ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުން ފޮނުވާލި ދެ މިސައިލްގެ ތެރެއިން އެއް މިސައިލް ވަނީ ވައިގެ ތެރޭގައި ހުއްޓުވާފައެވެ. އަދި އަނެއް މިސައިލް ދަތުރުގެ މެދުތެރެއިން ފެއިލްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ބްރަސަލްސްގައި ހުންނަވާ އަސްކަރީ އަދި ސިޔާސީ ދިރާސާވެރިއެއް ކަމަށްވާ އެލީޖާ މެގްނިއާ ވިދާޅުވި ގޮތުގައި، މި ހަމަލާއަކީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ފެށި ހަނގުރާމައަށް އީރާނުން ދެމުންދާ ރައްދު އިތުރަށް ވަރުގަދަވަމުންދާ ކަމުގެ ހެއްކެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަނގުރާމައިގެ މައިދާން ޖިއޮގްރަފީ ގޮތުން ފުޅާވަމުންދާ ކަމީ ހާލަތު ކޮންޓްރޯލް ކުރުމަށް އެމެރިކާއަށް އޮތް ގޮންޖެހުމެކެވެ.
"ހަނގުރާމައިގެ މައިދާން މިދަނީ ޖިއޮގްރަފީ ގޮތުން ފުޅާވަމުން. އެހެންވެއްޖެނަމަ، އެމެރިކާ އިން ބޭނުންވާ ގޮތަށް ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުން މާ ބޮޑަށް އުނދަގޫވާނެ. ސަބަބަކީ އާ ސަރަހައްދުތަކަކީ ހަމަލާ އަމާޒުވެދާނެ ތަންތަނަށް ވެގެންދާތީ،" މެގްނިއާ ހާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވެއެވެ.
މެގްނިއާ އިތުރަށް ވިދާޅުވީ، އީރާނުން މަސައްކަތް ކުރަނީ އާދައިގެ ހަނގުރާމައަކުން އެމެރިކާގެ މައްޗަށް ކުރިހޯދަން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެމެރިކާއަށް ކުރަންޖެހޭ ހޭދަ އާއި ލިބޭ ގެއްލުން ބޮޑުކޮށްލުމަށް ކަމަށެވެ. ދުރުގައި އޮތް އަމާޒަކަށް ހަމަލާދިނުމަކީ، ހަނގުރާމަ ކުރިއަށް ގެންދާނަމަ އޭގެ ނުރައްކާ އިންތިހާއަށް ބޮޑުވާނެ ކަމުގެ ސިގްނަލެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މި ހަމަލާއާ ގުޅިގެން އެމެރިކާއިން އެމީހުންގެ އަސްކަރީ ސްޓްރެޓަޖީއާ މެދު އަލުން ވިސްނަން ޖެހިފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ސަބަބަކީ އީރާނުގެ މި އަމަލުން ދުރު ރާސްތާގެ މަރުކަޒުތަކަށް އޮތް ނުރައްކާ ހާމަވެގެން ގޮސްފައިވާތީއެވެ.


