Tuesday, 28 July 2026
ފޮޓޯ: ޒަކާތު ހައުސް

ފިޠުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6,000 ރުފިޔާ ބަހައިފި، މިއީ ރެކޯޑް އަދަދެއް!

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ބަހައި ނިންމާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ. މި އަހަރު ޒަކާތް ލިބުމަށް ޝަރުޠު ހަމަވި ކޮންމެ މީހަކަށް 6,000 ދިވެހި ރުފިޔާ ވަނީ ދީފައެވެ.

ޒަކާތު ހައުސްއިން މަޢުލޫމާތު ދޭ ގޮތުގައި، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ފިޠުރު ޒަކާތް ބެހުމުގައި ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފައިސާ ބެހި ފަހަރެވެ. ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޚާއްޞަ އިސްކަމެއް ދީގެން ހިމެނުނު 62 ފަޤީރު ޔަތީމު ކުދިން ވެސް ހިމެނޭކަން އެ އިދާރާއިން ފާހަގަކުރެއެވެ.

މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިއީ މިހާތަނަށް ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބުނު އަހަރެވެ. މީގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް ބެހުމަށް ޚާއްޞަކޮށްފައިވަނީ 13,896,000 (ތޭރަ މިލިއަން އަށްލައްކަ ނުވަދިހަ ހަހާސް) ދިވެހި ރުފިޔާއެވެ.

ޒަކާތް ދެއްކުމުގެ ކަންކަން ލުއިފަސޭހަކުރުމުގެ ގޮތުން މި އަހަރު ހަތް އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ޑިޖިޓަލްކޮށް ޒަކާތް ބަލައިގަނެފައިވެއެވެ. އަދި އޮންލައިންކޮށް ޒަކާތް ދައްކަން ދަތިވާ ފަރާތްތަކަށް ރަށްރަށުގެ ކައުންސިލްތަކުން ނަގުދު ފައިސާ ބަލައިގަނެ، އެ ފައިސާ ޖަމާކުރުމަށް ޚާއްޞަ ޕޯޓަލެއް ވެސް ވަނީ ބޭނުންކޮށްފައެވެ.

މާލެ ސަރަޙައްދުގައި އިސްލާމީ މަރުކަޒު މެދުވެރިކޮށް ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަތުމުގެ އިތުރުން، ގޮވާމުން ޒަކާތް ބަލައިގަތުމާއި ބެހުމުގެ މަސައްކަތް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޒަކާތު ހައުސްއިން ބުނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މި މަސައްކަތް ބައްޓަންކުރުމުގެ ސަބަބުން، ލިބޭ ފައިސާ ދުވަހުން ދުވަހަށް މޮނިޓަރ ކުރެވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޙައްޤުވެރިންނަށް ހަމަހަމަކަމާއެކު ފައިސާ ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *