މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން، އައިސް އުފެއްދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން ހުއްޓާލައިފިއެވެ. އެ ކުންފުނިން ބުނީ މިއީ ކުންފުނީގެ ދެމިއޮތުމަށްޓަކައި މިވަގުތަށް އަޅަންޖެހުނު ކޮންމެހެން މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެންސިސް ފިޝަރީޒުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ޚާއްސަކޮށް މި މަހުގެ 1 އިން 16 އާ ދެމެދު ތެލުގެ އަގު ދެ ފަހަރެއްގެ މަތިން ބޮޑުވެ، ޖުމްލަ 111 އިންސައްތައިގެ ބޮޑު އިތުރުވުމެއް އައިސްފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި، މަސް ޕްރޮސެސްކޮށް އެކްސްޕޯޓުކުރުމުގެ ވިޔަފާރީގައި އެންމެ ބޮޑު ޚަރަދެއް ހިނގަނީ ތެލަށެވެ. ތެލުގެ އަގު އިންތިހާއަށް ބޮޑުވަމުން ދިޔުމުގެ ސަބަބުން އައިސް އުފެއްދުމަށާއި ފޯރުކޮށްދިނުމަށް ހިނގާ ޚަރަދު މިހާރު ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑު ބުރައަކަށް ވެފައި ކަމަށް އެންސިސްގެ ބަޔާނުގައި ބުނެފައިވެއެވެ. މި ބަދަލާއެކު ބޮޑުކަންނެލީގެ މަސްވެރިންނަށް މީގެ ކުރިން ހިލޭ ދެމުންދިޔަ އައިސް ދޫކުރުން މިހާރު ވަނީ ހުއްޓާލާފައެވެ.
މި ނިންމުމުގެ ސަބަބުން މަސްވެރިންނަށް ދިމާވެދާނެ ދަތިތަކަށް އެންސިސް އިން ވަނީ މައާފަށް އެދިފައެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަށް ބަލައި، އެ ޚިދުމަތް އަލުން ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
ހަނގުރާމައާ ގުޅިގެން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވެސް ވަނީ ތެޔޮ ޑެލިވަރީކޮށްދޭ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ސަރުކާރުން ވަނީ ސަބްސިޑީ ދީގެން ތެލުގެ އަގު ހިފަހައްޓަން މަސައްކަތް ކުރާނެ ކަމަށް އިއުލާނުކޮށްފައެވެ.
މި ދަނޑިވަޅުގައި ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަދަ ބޭފުޅުން ވަނީ ކަރަންޓާއި ތެޔޮ އިގްތިސާދު ކުރުމަށް ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފައެވެ. ހަނގުރާމަ ދިގުލައިގެންދާ ނަމަ، ރާއްޖޭގެ އިގުތިސާދަށް ކުރާ ނޭދެވޭ އަސަރުތައް އިތުރުވެގެންދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.


