މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން "އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު" އަށް ގެނައި އިސްލާހާއެކު އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ނަންބަރު ބޯޑު ހަރުކުރަން އިއްޔެއިން ފެށިގެން 60 ދުވަސް ދީފިއެވެ.
އީވީ ވެހިކަލްތަކަށް ހާއްސަ ފެހި ކުލައިގެ ނަންބަރު ބޯޑެއް ތައާރަފުކުރަން ނިންމާފައިވާކަން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އާ އިސްލާހުގައި އިލެކްޓްރިކް އުޅަނދުތައް ބޭނުންކުރުމަށް ހިތްވަރުދިނުމަށާއި އުޅަނދު ރަޖިސްޓްރީކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އާ ފިޔަވަޅުތަކެއް ތައާރަފުކޮށްފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި މިއީ، އެއްގަމުގައި ދުއްވާ އުޅަނދުފަހަރާ ބެހޭ ގަވާއިދަށް ގެންނަ ހަތްވަނަ އިސްލާހުގެ ދަށުން ތައާރަފުކުރާ ބޯޑެއް ކަމަށް ވެސް މިނިސްޓަރު އޭރު ވިދާޅުވެފައި ވެއެވެ. އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އާ އިސްލާހުގެ ދަށުން އިލެކްޓްރިކް އުޅަނދުތަކުގައި ދެން ބޭނުންކުރަން ޖެހޭނީ ފެހި ކުލައިގެ ނަންބަރު ބޯޑެވެ.
މިއީ މަގުމަތީގައި ދުއްވާ އާދައިގެ އުޅަނދުތަކާއި އިލެކްޓްރިކް އުޅަނދުތައް ފަސޭހައިން ވަކިކުރަން އެނގޭނެ ގޮތް ހެދުމަށް ގެނައި ބަދަލެކެވެ. މި ބަދަލަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.


