އެމެރިކާ އާއި އިސްރާއީލުން ދެމުންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން، އީރާނުގެ ރައްޔިތުން ނިކުމެ އެ ގައުމުގެ ސަރުކާރު ބަދަލުކުރާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ނަމަވެސް، މިއަދު ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި އެ ބަދަލު ވަގުތުން ނައިސްދާނެއެވެ.
ފޮކްސް ނިއުސް ރޭޑިއޯއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ހަތިޔާރެއް ނެތް ބަޔަކަށް ސަރުކާރާ ދެކޮޅަށް ތެދުވުމަކީ ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ހަތިޔާރު ނެތް ބަޔަކަށް އެއީ ގިރާކުރަން ވަރަށް އުނދަގޫ ހުރަހެއްހެން. އެއީ ވަރަށް ބޮޑު ހުރަހެއް… އެކަން ވާނެ، އެކަމަކު އެއީ ވަގުތުން ނޫން ކަމަށް ވެދާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި މިހާތަނަށް 1،300 އަށްވުރެ ގިނަ މީހުން މަރުވެފައިވީ ނަމަވެސް، އީރާނުގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ނުވަތަ ސަރުކާރުގެ އިސް ބޭފުޅުން ވަކިވަމުންދާ ކަމުގެ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ.
ޓްރަމްޕްގެ މި ވާހަކަފުޅުތައް އައިސްފައިވަނީ މެދުއިރުމަތީގެ މަސްރަހު ނުހަނު ބޮޑަށް ގޯސްވެ، އަސްކަރީ ކުރިމަތިލުންތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ އެތެރޭގެ ހާލަތަށް ބަދަލުތަކެއް އަންނާނެ ކަމަށް ޓްރަމްޕް އުންމީދު ކުރެއްވި ނަމަވެސް، މިހާތަނަށް ފެންނަ މަންޒަރުތަކުން ދައްކަނީ އެ ގައުމުގެ ސަރުކާރު އަދިވެސް އޮތީ ބަދަހިކޮށް ކަމެވެ.


