އދ. ދިގުރަށުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލު ސީރިއަސްވެގެން މާލެ ގެނައި ދެ މީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ. މި ހާދިސާގައި ޖުމްލަ ފަސް މީހަކު ވަނީ މަރުވެފައެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި މާލެ ގެނައި ދެ މީހުންގެ ހާލު އަދިވެސް ސީރިއަސް އެވެ. އަދި އެ ދެ މީހުންނަށް ވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް މައުލޫމާތު ލިބެއެވެ.. ނަމަވެސް އެ މީހުންނަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލެއް ހޮސްޕިޓަލުން އަދި ހާމައެއް ނުކުރެއެވެ.
ރޭ ދަންވަރު 2 ޖަހާކަންހާއިރު ހިނގި މި ހާދިސާގައި ރޯވެފައިވަނީ ދިގުރަށުގައި 30 އެއްހާ ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުންދިޔަ އެކޮމަޑޭޝަން ބްލޮކެއްގައެވެ. މި ހާދިސާގައި މަރުވި ފަސް މީހުންނަކީ ވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނުންނެވެ. އަދި މި ހާދިސާގައި އަނިޔާވި އިތުރު މީހަކަށް ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
އެނގިފައިވާ ގޮތުގައި އެކަމޮޑޭޝަން ބްލޮކްގައި އަލިފާން ރޯވީ އެ ތަނުގައި ތިބި ބައެއް މީހުން ނިދާފައި ތިއްބައެވެ. އަދި އަލިފާޏް ރޯވީ ކައްކަން އުޅުމުގެ ތެރޭގައި ގޭސް ލީކްވެގެން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. ފުލުހުން ވެސް ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.


