Tuesday, 28 July 2026
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޖީ. ބާލާ ސުބްރަމާނިއަން -- ފޮޓޯ: ރާއްޖެ24

އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެކުވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ގައުމެއް: އިންޑިއާގެ ހައިކޮމިޝަނަރ

ތަރައްގީ އާއި، އިގްތިސާދީ އެއްބާރުލުމާއި، އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން އިތުބާރުހުރި ބައިވެރިއެއްގެ ގޮތުގައި އިންޑިއާއިން އަބަދުވެސް ރާއްޖެއާއެކު ދެމިއޮންނާނެ ކަމަށް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޖީ. ބާލާ ސުބްރަމާނިއަން ވިދާޅުވެއްޖެއެވެ.

ރާއްޖެ24 އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ތަރައްގީގެ ބައިވެރިވުމަށް އަލިއަޅުއްވާލައްވަމުން ސުބްރަމާނިއަން ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކާއި އިޖުތިމާއީ ތަރައްގީގެ ހަރަކާތްތަކުގައި އިންޑިއާގެ ބައިވެރިވުން ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.

އެގޮތުން ހައިކޮމިޝަނަރު ވަނީ ދާދި ފަހުން ނިންމާލެވުނު މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާފައެވެ. އޭގެތެރޭގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ވަރުގަދަކުރުމުގެ މަސައްކަތް ހިމެނޭއިރު، އެއާޕޯޓުގެ ރަންވޭ 1.4 ކިލޯމީޓަރުން 2.4 ކިލޯމީޓަރަށް ބޮޑުކުރުމާ ގުޅިގެން، އެއާބަސް އޭ320 ފަދަ ބޮޑެތި ބޯޓުފަހަރު ޖެއްސޭނެ ފަހިވެފައިވާކަން ސުބްރަމާނިއަންު ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އުތުރުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވޭކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ހައިކޮމިޝަނަރު ވިދާޅުވިގޮތުގައި، އިންޑިއާއިން ދަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި ދެ ގައުމުގެ ތަރައްގީގެ އެއްބާރުލުމުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަގު ހެދުމާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ.

ސުބްރަމާނިއަން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 'ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް' (އެޗް.އައި.ސީ.ޑީ.ޕީ) އިސްނެގުމުގެ ދަށުން މިހާރު ވެސް 78 މަޝްރޫއެއް ދަނީ ހިންގަމުންނެވެ. މި މަޝްރޫއުތަކަކީ މުޖުތަމައުގެ އުމްރާނީ ވަސީލަތްތައް ރަނގަޅުކުރުމަށާއި، ދިވެހި ސަރުކާރުން އިސްކަންދޭ ތަރައްގީގެ ކަންކަމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކެކެވެ.

އަދި ދާދި ފަހުން ނިލަންދޫ ދާއިރާގައި އާރް.ޓީ.އެލް ފެރީގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތަށް ވެސް އޭނާ އަލިއަޅުއްވާލެއްވިއެވެ. މި ފެރީތަކަކީ ރަށްތަކުގެ މެދުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އެޗް.އައި.ސީ.ޑީ.ޕީގެ ދަށުން ތައާރަފުކުރެވުނު ހިދުމަތެކެވެ.

ރާއްޖެއަށް އިންޑިއާއިން ދޭ އެހީތެރިކަން ސިއްހީ ދާއިރާއަށް ވެސް ވަނީ ފުޅާވެފައިވާކަންވެސް ސުބްރަމާނިއަންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ނުރައްކާތެރި ދަނޑިވަޅުތަކުގައާއި އަމާން ދުވަސްވަރުގައި ވެސް، އަދި ތަރައްގީއާއި ސިއްހީ އެހީތެރިކަމުގެ ދާއިރާތަކުގައި ވެސް އިންޑިއާ އަބަދުވެސް އޮތީ ރާއްޖެއާއެކު،" ސުބްރަމާނިއަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ މައްޗަށް ކަމަށާއި، އެ ސިޔާސަތުގެ ދަށުން ރާއްޖެއަށް ހާއްސަ އިސްކަމެއް ދެވޭ ކަމަށެވެ. އަދި މި ބައިވެރިވުމަކީ ސަރަހައްދީ ގައުމުތަކުގެ ޖުމްލަ ތަރައްގީއަށް އަމާޒުކުރާ 'މަހާ ސާގަރު' ތަސައްވުރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

"އިންޑިއާއަކީ އެކުވެރިއެއް، އަދި ކުރިއަށް އޮތް ތަނުގައި ވެސް ދެމިއޮންނާނީ އެކުވެރިއެއްގެ ގޮތުގައި. އިގްތިސާދީ ހަރަކާތްތަކާއި ކަނޑުގެ ސަލާމަތީ ކަންކަމުގައި ދެ ގައުމު އެކުގައި ކުރިއެރުމަށްޓަކައި އިންޑިއާ ރާއްޖެއާއެކު އޮންނާނެ،" ސުބްރަމާނިއަން ވިދާޅުވިއެވެ.

ހައިކޮމިޝަނަރު އިތުރަށް ވިދާޅުވީ، ދިވެހި ސަރުކާރުން އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ އުމްރާނީ ތަރައްގީއާއި، ރައްޔިތުންގެ ލާބައާއި، އަދި އިގްތިސާދީ ކުރިއެރުމަށް މަގުފަހިވާ މަޝްރޫއުތަކަށް އިންޑިއާއިން ދޭ އެހީތެރިކަން މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *