މެދުއިރުމައްޗާއި ގަލްފް ސަރަޙައްދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން، އެކަމަށްޓަކައި އެކުލަވައިލި ޚާއްޞަ ކެބިނެޓް ކޮމިޓީން މީޑިއާއަށް މަޢުލޫމާތު ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، އެ ކޮމިޓީގެ މުޤައްރިރު އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ކުޑަ ޖަޒީރާ ޤައުމަކަށް ވުމާއެކު، ސަރަޙައްދީ ހަމަނުޖެހުންތަކުގެ ސަބަބުން އިޤްތިޞާދީ އަދި ސަލާމަތީ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަށާއި އިޤްތިޞާދީ ނަތީޖާ ރަނގަޅުކުރުމަށްޓަކައި ކުރު ރާސްތާ އަދި ދިގު ރާސްތާގެ ފިޔަވަޅުތައް ސަރުކާރުން ދަނީ ތަންފީޛު ކުރަމުންނެވެ.
މިގޮތުން، ތެލާއި ކައްކާ ގޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، އަސާސީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ލޮޖިސްޓިކްސްއަށް ދިމާވާ ދަތިތައް ޙައްލުކުރުމުގެ އިތުރުން، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ކޮމިޓީން ބުންޏެވެ.
ކޮމިޓީން ބުނި ގޮތުގައި، އެ ސަރަޙައްދުގައި ހުރި ދިވެހި އެމްބަސީތަކުން ދަނީ ދިވެހި ރައްޔިތުންގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އަދި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ހޮޓްލައިންތަކާއި އީމެއިލް އެޑްރެސްތައް ވަނީ ޤާއިމުކޮށްފައެވެ. މީގެ އިތުރުން، ދަރިވަރުން އެމްބަސީތަކުގައި އަލުން ރެޖިސްޓްރީވުމަށް އިރުޝާދު ދީފައިވާއިރު، އެ ސަރަޙައްދުގައި ތިބި ޢުމްރާވެރިންނަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
އަދި އެހެން ޤައުމަކަށް ދޭ އެއްވެސް އަސްކަރީ ޙަމަލާއެއްގައި ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކޮށްފައި ނުވާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ. އަދި އެފަދަ ކަންކަމަށް އެދި ހުށަހެޅި ހުށަހެޅުންތަކަށް އިންކާރުކޮށްފައިވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ހުއްދައެއް ނުދޭނެ ކަމަށް ސަރުކާރުން ބުންޏެވެ.
ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، މިހާރުގެ ހާލަތުގައި ތަކެތި ލިބުމުގެ ދަތިކަން ކުޑަވެފައިވާ ކަމަށް ސަރުކާރުން ފާހަގަކުރިއެވެ. އަދި މުޅި ރާއްޖޭގައި އަސާސީ ތަކެތި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި، ޤައުމީ ފެންވަރުގައި ތަކެތި ރައްކާކުރެވޭ މިންވަރު އިތުރުކުރުމާއި ބެހުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، ވަކި ޤައުމުތަކަކަށް ބަރޯސާވުން ކުޑަކުރުމަށާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ތެޔޮ އިމްޕޯޓްކުރާ މަގުތައް އިތުރުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ. އަދި ވައިގެ ދަތުރުފަތުރަށް ދިމާވާ ދަތިތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ބަދަލު މަގުތައް ހޯދުމާއި ފްލައިޓްތައް އިތުރުކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
މި މަސައްކަތްތަކަށް އެހީތެރިކަން ހޯދުމަށް ބޭރުގެ އެކުވެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުންތައް ވަރުގަދަ ކުރަމުންދާ ކަމަށް ކޮމިޓީން ހާމަކުރިއެވެ.
މި ޚާއްޞަ ކެބިނެޓް ކޮމިޓީއަކީ މެދުއިރުމަތީގެ މަޝްރަޙު ގޯސްވަމުންދާތީ، އޭގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ކުޑަކުރުމަށްޓަކައި 28 ފެބްރުއަރީ 2026 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ކޮމިޓީއެކެވެ. މި ކޮމިޓީގައި ނުވަ ވަޒީރަކު ހިމެނިވަޑައިގަންނަވައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު، ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން، ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޢަލީ ހައިދަރު އަޙްމަދު އަދި އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.


