Tuesday, 28 July 2026
މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރ އަހުމަދު ސިޔާމް މުހައްމަދު -- ފޮޓޯ: ސަން 

ދެ އިންތިހާބު އެއްކޮށްލަން އެމްޑީއޭއިން ތާއީދުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ރަސްމީކޮށް ތާއީދުކޮށްފި އެވެ.
މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރު 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހަށް ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފައިވާއިރު، މިކަމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އިސްކޮށް ހުންނަވާ އެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ގައުމުގެ ސުލުހަމަސަލަސްކަމަށް ބަލާއިރު ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ. އަދި މިއީ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ޒިންމާދާރު ސިޔާސަތެއްގެ ގޮތުގައި އެ ޕާޓީން ދެކޭ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެމްޑީއޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންތިހާބުތައް އެއްކޮށްލުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖުކުރުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. މި ނިންމުމަކީ އިގްތިސާދީ ދެމެހެއްޓެނިވި ކަމަށާއި ގައުމުގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ގަބޫލުކުރާ ކަމަށް ބުނެ، ހަރަދު ކުޑަކުރުމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގަށް އަރައިގަތުން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކެމްޕޭން ކުރަމުންދާ ދަނޑިވަޅެއްގައި، އެމްޑީއޭ އިން ބުނީ އެ ޕާޓީ އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގައި ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމާއި ރައްޔިތުންގެ ކުރިމަގު ބާޖަވެރިކަން ކަށަވަރުކުރުމަށް ކުރާ އެންމެހާ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެ ޕާޓީން ވަނީ ދީފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *