މި ހިނގާ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެކި ބާވަތުގެ ސްކޭމްތަކުގައި ގާތްގަނޑަކަށް ފަސް ލައްކަ ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވާ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ. ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ސްކޭމްގެ 55 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
އެންޓި ސްކޭމް ސެންޓަރުން ބުނި ގޮތުގައި މިމަހުގެ ފުރަތަމަ ހަފުތާގައި ސްކޭމްގެ މައްސަލަތަކުގައި ޖުމްލަ 494,712.70 ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވެއެވެ. ނަމަވެސް، ފުލުހުން ކުރި މަސައްކަތުން މީގެ ތެރެއިން 270,070.40 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ.
ފުލުހުން ބުނި ގޮތުގައި މި ސްކޭމްތައް މައިގަނޑު ގޮތެއްގައި ހިންގާފައި ވަނީ އޮންލައިން މެސެޖިން މަންސަތަކާއި، އައިބޭ، ފޯން ކޯލް، ފިޝިން ލިންކު އަދި ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށެވެ. މީގެ ތެރޭގައި އެންމެ ގިނައީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ.
މިމަހުގެ ފުރަތަމަ ހަފުތާގައި ރިޕޯޓުކުރި މައްސަލަތަކުގެ ތަފްސީލަކީ:
• އީކޮމާސްގެ 27 މައްސަލަ
• ޝަހުސިއްޔަތު އޮޅުވާލައިގެން (އިންޕާސަނޭޝަން) ހިންގި 14 މައްސަލަ
• ފައިސާ މާރުކުރުމުގެ 7 މައްސަލަ
• އެހެނިހެން ބާވަތުގެ 7 މައްސަލަ
ސްކޭމަރުން އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާއިރު، މިހާރަކަށް އައިސް ބަލި މީހުންނަށް އެހީ ހޯދުމުގެ ނަމުގައި ފޭސްބުކްގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކު ސްކޭމަރުންގެ އުކުޅުތަކަށް ވެސް ބަދަލުތައް ގެންނަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ފެންމަތިވެފައިވާތީ، އެހީތެރިކަން ފޯރުކޮށްދިނުމުގައި އިތުރަށް ސަމާލުވުމަށާއި، ސައްހަކަން ކަށަވަރުނުކޮށް ފައިސާގެ މުއާމަލާތްތައް ނުހިންގުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.


