އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކުގައި ތެޔޮ ރައްކާކުރާ ގުދަންތަކަށް ގެއްލުންވުމުގެ ސަބަބުން، ތެޔޮ ލީކުވެ ތެހެރާންގެ ނަރުދަމާ ނިޒާމުގެ ތެރެއަށް ފެތުރިއްޖެއެވެ. މީގެ ސަބަބުން އީރާނުގެ ވެރިރަށް ތެހެރާންގެ ބައެއް މަގުތަކުގައި ބޮޑެތި އަލިފާންގަނޑުތައް އުފެދި، "އަލިފާނުގެ ކޯރެއް" ދެމެމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައެވެ.
އެކްސްގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސިޓީގެ މަގުތަކުގެ އެއްފަރާތުގައި ހުރި ކާނުތަކާއި ނަރުދަމާ ހޮޅިތަކުން ތެޔޮ ލީކުވެ، އޭގައި ރޯވެފައިވާ އަލިފާންގަނޑު ދަނީ ބާރުމިނުގައި ފެތުރެމުންނެވެ. އީރާނުގެ އޮއިލް މިނިސްޓްރީން ވަނީ ތެހެރާންގެ ހުޅަނގުން އަލްބޯޒް ޕްރޮވިންސްގެ ކަރަޖް ސިޓީ ހިމެނޭހެން ތިން ސަރަހައްދެއްގެ ތެޔޮ ގުދަންތަކަށް ހަމަލާ އަމާޒުވިކަން ކަށަވަރުކޮށްދީފައެވެ.
އިސްރާއީލުގެ އެނާޖީ މިނިސްޓަރު އެލީ ކޯހެން ވަނީ އީރާނުގެ ތެޔޮ ވަސީލަތްތަކަށް ދިން ހަމަލާތަކަކީ ހަނގުރާމައިގެ އާ މަރުހަލާއެއް ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ހަމަލާތަކެއް ފެންނާނެ ބުނެފައެވެ.
"އީރާނުގެ މިހާރުގެ ސަރުކާރަށް ގެއްލުން ދިނުމަށް އެހީތެރިވެދޭނެ ހުރިހާ އަމާޒުތަކެއް ވަނީ ތާވަލުކުރެވިފައި" ކަމަށް އޭނާ ރޭޑިއޯ 103 އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
ހަނގުރާމަ ދިގުދެމިގެންދާނެ މުއްދަތާ ގުޅޭގޮތުން ސުވާލުކުރުމުން ކޯހެން ބުނީ، އިސްރާއީލުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ ވަގުތު އެނގޭ ކަމަށެވެ. އަދި އަހަރެއް ނުވަތަ ދެ އަހަރެއް ފަހުން އަނެއްކާވެސް މިފަދަ ކުރިމަތިލުމަކަށް ދާންޖެހޭ ފަދަ ހާލަތެއްގައި އޮންނަން ބޭނުންނުވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ހަމަލާތަކާ ގުޅިގެން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ވަނީ އިސްރާއީލުގެ ކިރްޔަތު ޝްމޯނާ ސިޓީއަށް ޑްރޯން ހަމަލާތަކެއް ދީފައެވެ. ހިޒްބުﷲ އިން ބުނި ގޮތުގައި މިއީ ބެއިރޫތަށާއި ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމެކެވެ. މީގެ އިތުރުން އަލް-މާލިކިއްޔާ ސަރަހައްދުގައި ތިބި އިސްރާއީލު ސިފައިންނަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށްވެސް އެ ޖަމާއަތުން ވަނީ ހާމަކޮށްފައެވެ.


