އައްޑޫ ސިޓީ ފޭދޫ ބަނދަރު ބޭރުގައި އަޅާފައި އޮތް ޑައިވިން ދޯންޏެއްގައި މިއަދު މެންދުރުފަހު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި ދޯނި އެއްކޮށް އަނދައި، ކަނޑަށް އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ކަށަވަރުކޮށްދީފައެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 1:30 ހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔަފައިޓަރުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. ނަމަވެސް، އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހަވީރު 3:30 ހާއިރު ދޯނި ވަނީ ކަނޑަށް އަޑިއަށް ގޮސްފައެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި މީހުން ވަނީ އެ ދޯނި ކައިރީގައި އޮތް ސަފާރީއަކަށް އަރައި ސަލާމަތްވެފައެވެ. ނަމަވެސް، މި ހާދިސާގައި އެކެއްގެ ފައި ފިހިގެން އަނިޔާވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. އަނިޔާވި މީހާއަށް ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ދޫކޮށްލާފައެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފް އިން އަދި ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.


