އިސްރާއީލުން ލުބުނާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ 100،000 އަށްވުރެ ގިނަ މީހުން މިހާތަނަށް ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވެފައިވާ ކަމަށް އދ. އިން ހާމަކޮށްފިއެވެ. އިސްރާއީލު ސިފައިން ލުބުނާނުގެ ބޮޑު ސަރަހައްދެއް ހުސްކުރުމަށް އަންގާފައިވާތީ، ގެދޮރު ދޫކޮށްދާ މީހުންގެ އަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވާނެ ކަމަށް އދ. އިން ވަނީ އިންޒާރު ދީފައެވެ.
ލުބުނާނުގައި ހުންނަވާ އދ. ގެ ހިއުމަނިޓޭރިއަން ކޯޑިނޭޓަރު އިމްރާން ރިޒާ ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފާއިތުވި ދެ ދުވަހު ފެނިގެންދިޔަ ކަންކަމަކީ މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ބިރުވެރި ހާލަތެއް ކަމަށެވެ. ހާއްސަކޮށް އިސްރާއީލުން ދެމުންދާ އިންޒާރުތަކާއި ސަރަހައްދުތައް ހުސްކުރުމަށް އަންގާ އެންގުންތަކުގެ ސަބަބުން މުޅި ގައުމުގައި ބޮޑު ބިރުވެރިކަމެއް އުފެދިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރިޒާ ވިދާޅުވި ގޮތުގައި، މިހާތަނަށް ގާތްގަނޑަކަށް 100،000 މީހުން ވަނީ 477 ވަގުތީ ހިޔާވައްސަކަށް ބަދަލުވެފައެވެ. އަދިވެސް 57 ހިޔާވައްސެއްގައި ކޮންމެވެސް ވަރަކަށް ޖާގަ އެބައޮތް ނަމަވެސް، އެ ތަންތަންވެސް ވަރަށް އަވަހަށް ފުރެމުންދާނެއެވެ. މީގެ އިތުރުން، ބެއިރޫތުގެ އެއް ހިޔާވައްސަށް އެކަނިވެސް އެއް ދުވަސް ތެރޭގައި 90 އާއިލާއިން 150 އާއިލާއަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ އިންޒާރުތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ބޮޑު އޮޅުންބޮޅުންގަނޑެއް އުފެދިފައިވާ ކަމަށްވެސް ރިޒާ ވިދާޅުވިއެވެ. "މީހުން ދަނީ ހުރިހާ ދިމާލަކަށް ދަތުރުކުރަމުން. އެމީހުން ދާނީ ކޮންތާކަށް ކަމެއް ނޭނގޭ. އަދި މި އަދަދުތައް ވަރަށް ހަލުވިކަމާއެކު އިތުރުވެގެންދާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވިއެވެ.
ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 123 މީހުން ޝަހީދުވެ، 683 މީހުން ވަނީ ޒަހަމްވެފައެވެ. މީގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންވެސް ހިމެނޭކަން ފާހަގަކުރައްވައި، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކަށް އިހުތިރާމް ކުރުމަށް ރިޒާ ވަނީ ގޮވާލައްވާފައެވެ.


