އެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކަށް ދިއުމަށްފަހު، ތުރުކީގައި ތާށިވެފައި ތިބި ދެ ދިވެއްސަކު އަނބުރާ ރާއްޖެ ގެނެސްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެ ގެނެސްފައިވަނީ 14 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމަ ކަމަށެވެ. މި ދެމީހުންނަކީ ހަނގުރާމަވެރި ސަރަހައްދަކުން ތުރުކީއަށް ހިޖުރަކޮށް، އެ ގައުމުގައި ޑިޓެއިންކޮށްފައި ތިއްބާ ސަރުކާރުން ކުރި މަސައްކަތުން ގެނައި ދެމީހުންނެވެ.
މިނިސްޓަރު އިހުސާން ފާހަގަކުރެއްވި ގޮތުގައި، ހަނގުރާމަވެރި ސަރަހައްދުތަކުން އެނބުރި އަންނަ ފަރާތްތަކަށް ޚާއްސަ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ޓެރެރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އެފަދަ ފަރާތްތައް މުޖުތަމައަށް ދޫކޮށްލުމުގެ ކުރިން މަދުވެގެން ތިން މަސް ދުވަހުގެ ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހެއެވެ. މިހާރު ގެނެސްފައިވާ ދެމީހުންނަށް ވެސް އެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ސީރިއާގެ ދެ ސަރަހައްދެއްގައި ތިބި އިތުރު 60 ދިވެހިން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ހަނގުރާމަވެރި އެކި ސަރަހައްދުތަކުގައި ތިބި ދިވެހިންނާ ގުޅޭ މައުލޫމާތު ހޯދައި، އެމީހުން އަނބުރާ ގެނައުމަށް ބޭރުގެ ގައުމުތަކާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
ހަނގުރާމަވެރި ސަރަހައްދުތަކުން އަންނަ މީހުން މުޖުތަމައަށް ރުޖޫއަ ކުރަނީ ވަރަށް ބޮޑަށް ބެލުމަށްފަހުގައެވެ. އެގޮތުން އެމީހުންގެ ރިސްކް އެސެސްމަންޓް ހެދުމަށްފަހު، މުޖުތަމައަށް ނުކުތުމަށް ތައްޔާރު ނޫން ކަމަށް ބެލެވޭ ފަރާތްތަކުން ރީ-އިންޓަގްރޭޝަން ޕްރޮގްރާމްތައް ފުރިހަމަކުރަން ޖެހެއެވެ. މީގެ ކުރިން ވެސް މިފަދަ ޕްރޮގްރާމްތައް ފުރިހަމަކުރި ބައެއް ފަރާތްތައް މިހާރު ވަނީ މުޖުތަމައަށް ދޫކޮށްލާފައެވެ.


