Tuesday, 28 July 2026
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު - މޯލްޑިވްސް ޖޯރނަލް

ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިކަމެއް ނެތް: މިނިސްޓަރ ސައީދު

ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، ރާއްޖެއަށް ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިއްޔެ އެކަނިވެސް ތެލުގެ އަގު 25 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައިވާ ކަމަށެވެ.

މިނިސްޓަރ ސައީދު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ބާޒާރަށް އަންނަ މި ބަދަލުތަކަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ސަމާލުކަން ދެމުންނެވެ. ތެލުގެ ސްޓޮކާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެސް އިއްޔެ ވިދާޅުވެފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ފިޔަވަޅުތައް އަޅަމުންދަނީ މިފަދަ ހާލަތްތަކަށް ވިސްނައިގެން ކަމަށެވެ. އެގޮތުން މިހާރުވެސް ތެޔޮ ހިފައިގެން އަންނަ ޝިޕްމަންޓެއް ދަތުރުކުރަމުންދާ ކަމަށާއި، އާންމު ބޭނުންތަކަށާއި މަތިންދާ ބޯޓުތަކަށް ބޭނުންވާ ތެޔޮ ލިބުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވިއެވެ.

މުސްތަގުބަލަށް ރޭވުންތައް ބައްޓަންކުރަމުންދާ ގޮތާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އާބާދީއާއި ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާތީ ތެޔޮ ބޭނުންކުރާ މިންވަރު ކުރިއަށްވުރެ އިތުރުވެފައިވާ ކަމަށެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން މުދާ ރައްކާކުރި މިންވަރަށް ވުރެ އިތުރަށް، ދިގު މުއްދަތަކަށް ބޭނުންވާ މުދަލާއި ތެޔޮ ރައްކާކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ.

މި ހާލަތު މެނޭޖްކުރުމުގައި ކަމާބެހޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި އެސްޓީއޯ ގުޅިގެން ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވިއެވެ. ބައިނަލްއަގުވާމީ މަސްރަހުގައި ހަމަނުޖެހުންތައް ހުރި ނަމަވެސް، ދުރާލާ ތައްޔާރުވެފައިވުމުގެ ސަބަބުން ރާއްޖެއަށް ތެލުގެ ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *