Tuesday, 28 July 2026

ސައުދީގައި ހުންނަ އެމެރިކާ އެމްބަސީއަށް އީރާނުން ޑްރޯން ހަމަލާތަކެއް ދީފި

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އީރާނުން ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފިއެވެ. ސައުދީގެ ދިފާއީ އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން މި ހަމަލާ ދީފައިވަނީ އޭގެ ޒާތުގައި ޖެހި ގޮވާގޮތަށް ތައްޔާރުކޮށްފައިވާ ދެ ޑްރޯން ބޭނުންކޮށްގެންނެވެ.

މި ހަމަލާ އެމްބަސީގެ އިމާރާތަށް އަމާޒުވެފައިވީ ނަމަވެސް، ޑިޕްލޮމޭޓުން ދިރިއުޅުއްވާ ކޮމްޕައުންޑަށް ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ސައުދީގައި ހުންނަ އެމެރިކާގެ އެހެން ބައެއް މަގާމުތަކަށްވެސް އީރާނުން ޑްރޯން ހަމަލާ އަމާޒުކުރި ނަމަވެސް، އެ ތަންތަނަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. ހަމަލާ ދިން ވަގުތު އެމްބަސީ ހުރީ ހުސްކޮށް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ހަމަލާއާ ގުޅިގެން 'ނިއުސްނޭޝަން' އަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އީރާނަށް ގަދަ އިންޒާރެއް ދެއްވާފައެވެ. ޓްރަމްޕް ވިދާޅުވީ އެމްބަސީއަށް ހަމަލާ ދިނުމާއި، އީރާނުގެ ހަމަލާތަކުގައި މަރުވި އެމެރިކާ ސިފައިންގެ ބަދަލު ހިފާގޮތް ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ. އަދި އީރާނަށް ދޭ ހަމަލާތައް 4-5 ހަފްތާއަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެދުއިރުމަތީގައި ހުރި އެމެރިކާގެ މަގާމުތަކަށް އީރާނުން ހަމަލާ ދެމުންދާތީ، އެ ސަރަހައްދުގައި ތިބި އެމެރިކާ ރައްޔިތުން ވަގުތުން ފައިބަން އެމެރިކާ ސަރުކާރުން ވަނީ އަންގާފައެވެ. ނަމަވެސް މި ހަނގުރާމައާ ގުޅޭ ގިނަ މައުލޫމާތުތައް އެމެރިކާގެ އާންމު ރައްޔިތުންނަށް ސާފުކޮށްދެމުން ނުދާކަން ފާހަގަކުރެވެއެވެ. އެމެރިކާގެ ސިޔާސަތު އޮންނަ ގޮތުން ބައެއް މައުލޫމާތުތައް ބައިނަލްއަގުވާމީ މީޑިއާތައް މެދުވެރިކޮށްވެސް އެގައުމުގެ ރައްޔިތުންނަށް ސިއްރުކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *