Tuesday, 28 July 2026
އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ -- ފޮޓޯ: ރޮއިޓާސް

ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އީރާނުން ދޮގުކޮށްފި

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ އިސް އޮފިޝަލުން މިރޭ ބުނެފައިވަނިކޮށް، އީރާނުގެ ސަރުކާރުންއެ ވާހަކަތައް ދޮގުކޮށްފިއެވެ. އީރާނުގެ ސެމީ-އޮފިޝަލް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޚާމަނާއީ ހުންނެވީ ސާބިތުކަމާއެކު ހަނގުރާމައިގެ މައިދާނަށް އިރުޝާދު ދެއްވުމުގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާކަން އިއުލާނުކޮށްފައެވެ. އިސްރާއީލުން އީރާނަށް މިސައިލް ހަމަލާތަކެއް ދޭން ފަށާފައިވާ ދަނޑިވަޅެއްގައި ޓްރަމްޕް ވަނީ، އަމާޒުތައް ހާސިލްވަންދެން މެދުނުކެނޑި މި ހަފްތާގެ ނިޔަލަށް ނުވަތަ ބޭނުންވާ މުއްދަތަކަށް ވަރުގަދަ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި އެ ގައުމުގެ ދެކުނުގެ ސްކޫލަކަށް ދިން ހަމަލާއެއްގައި މަދުވެގެން 108 މީހުން ވަނީ މަރުވެފައެވެ. ރެޑް ކްރެސެންޓާ ހަވާލާދީ އީރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި، އެ ގައުމުގެ 24 ޕްރޮވިންސަކަށް ދިން ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 201 މީހުން ވަނީ މަރުވެފައެވެ.

މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ މެދުއިރުމަތީގެ އެކި ގައުމުތަކުގައި ހުރި އިސްރާއީލާއި އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދޭން ފަށާފައެވެ. އޭގެ ތެރޭގައި ގަތަރު، ޔޫއޭއީ، ކުވެއިތު، ބަހްރޭން، އުރުދުން، ސައުދީ އަރަބިއްޔާ އަދި އިރާގުގައި ހުރި ތަންތަން ހިމެނެއެވެ.

މި ކުރިމަތިލުންތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ނުހަނު ބޮޑަށް ގޯސްވެފައިވާއިރު، ސަރަހައްދުގެ ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު މިހާރު ބަންދުކޮށްފައެވެ. ދެފަރާތުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރުން އަދިވެސް ދަނީ ވަރުގަދައަށް ކުރިއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *