Tuesday, 28 July 2026

ހާފިޒުކަމުގެ ސަނަދު ހާސިލްކުރި 50 މީހުންނަށް އިނާމު ދިނުން އާދިއްތަ ދުވަހު

ކީރިތި ގުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ ސަނަދު ހޯދި 50 މީހުންނަށް އެކަމުގެ އިނާމާއި ޝަރަފް އެރުވުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތު އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ރަސްމިއްޔާތު އޮންނާނީ އާދިއްތަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައެވެ.

މިއީ ހާފިޒުންނަށް ހާއްސަކޮށްގެން ދަސްވެނިވުމުގެ ވަކި ރަސްމިއްޔާތެއް ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން ހާފިޒުންނަށް އިނާމު ދެމުން އައީ އެހެން މުނާސަބާތަކާ ގުޅުވައިގެން ބާއްވާ ހަފުލާތަކުގައެވެ. ނަމަވެސް، މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ހާފިޒުންގެ އަގުވަޒަންކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވަން ފަށާފައެވެ.

މި އަހަރު ހާފިޒުކަމުގެ ސަނަދު ހާސިލްކުރި މީހުންގެ އަދަދު ވަނީ ކުރީ އަހަރާ އަޅާބަލާއިރު ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. މިދިޔަ އަހަރު 28 މީހަކު ހާފިޒުކަމުގެ ސަނަދު ހޯދާފައިވާއިރު، މި ފަހަރު 50 މީހަކު ވަނީ އެ ޝަރަފް ހާސިލްކޮށްފައެވެ. މި ފަހަރު ސަނަދު ހޯދި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި ހާފިޒުން ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިސްލާމީ މަރުކަޒު ހުރި ކޮންމެ ރަށެއްގައާއި އެހެން ރަށްރަށުގެ މިސްކިތްތަކުގައި ހާފިޒުން ބިނާކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. މީގެ އިތުރުން، އަމިއްލަ ފަރާތްތަކުން ހިންގާ ގުރުއާން ކްލާސްތަކަށް ވެސް ސަރުކާރުން މާލީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *