ލާމަރުކަޒީ ދާއިރާއިން ހާސިލުކުރެވުނު މުހިންމު ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ފާހަގަކުރެއްވީ، ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރުކުރުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހައްގު މަގާމު ހޯދައިދިނުމުގެ އިތުރުން، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ފަދަ ކަންކަން މިހާރު ހަގީގަތަކަށް ވެފައިވާ ކަމަށެވެ. މީގެ އިތުރުން، ރަށްރަށުގައި ކައުންސިލްތަކަށް ބޭނުންވާ ޒަމާނީ އާ އިމާރާތްތައް ބިނާކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ އިސްނަގައިގެން ފަށާފައެވެ.
ރަށްރަށުގެ އިޖުތިމާއީ އަދި އަސާސީ ހިދުމަތްތަކަށް ގެނެވުނު ބަދަލުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތާއި އޭޓީއެމް ގާއިމުކުރުމާއި، އަތޮޅުތަކުން އައިޑީ ކާޑާއި ޕާސްޕޯޓު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އުމްރާނީ ތަރައްގީގެ ދާއިރާއިން މަގުހެދުމާއި ބަނދަރު ހެދުން ފަދަ ގިނަ މަޝްރޫއުތަކެއް މުޅި ރާއްޖޭގައި ހިނގަމުންދާކަން ފާހަގަކުރައްވައި، ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސްގެ ހިތާބު ނިންމަވާލެއްވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އެކު، ކައުންސިލްތަކުގެ ދައުރު އިތުރަށް ވަރުގަދަވެ، ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ވާނެ ކަމުގެ އުންމީދާ އެކުގައެވެ. މީގެ އިތުރުން، ގައުމީ ތަރައްގީގެ ތަސައްވުރު އެކުލަވައިލުމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި، ބިދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


