މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު އެމްޑީޕީން ބޭއްވި "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު (މަޓޭ) ގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މަޢުރޫފްގެ މައްޗަށް ފުލުހުން ކުރަނީ ޣައިރު ޤާނޫނީ އެއްވުމެއް ރޫޅާލަން އުޅުނު ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މަޢުރޫފްގެ މައްޗަށް މި ދައުވާ ކުރަން ފޮނުވީ ޤާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ، އަޑުގަދަކޮށް މުޒާހަރާކުރުމުގެ ސަބަބުންނެވެ. މި ހަރަކާތުގެ ތެރެއިން އާންމު ދަތުރުފަތުރަށް ހުރަސްއެޅުމާއި، ވިޔަފާރިތަކަށް ދަތިވާނެހެން އަމަލުކުރުމުގެ އިތުރުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.
މި މައްސަލައިގައި މަޢުރޫފް ޒާކިރުގެ އިތުރުން، އެމްޑީޕީގެ އިތުރު ދެ އެކްޓިވިސްޓެއްގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވަނީ ހުށަހަޅާފައެވެ. މި މުޒާހަރާއަކީ އޭރުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދިޔަ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ބޮޑު އެއްވުމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެ ދުވަހުގެ މުޒާހަރާގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއަޅައި، ފުލުހުން ބޭނުންކުރާ އާލާތްތަކަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ޖުމްލަ އަށް މީހަކު ހައްޔަރުކޮށްފައިވެއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި މިހާރު ވަނީ ދައުވާ ކުރުމުގެ މަރުހަލާ ފަށާފައެވެ.


